2025 ވަނަ އަހަރުވެގެން ދާނީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ އަހަރަކަށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން، ވުޒާރާ އިން ކަނޑައެޅި ގިނަ ލަނޑުދަނޑިތަކެއް ޙާޞިލުކުރެވިފައިވާ ކަމަށާ އަދި 2025 ވަނަ އަހަރަކީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ އަހަރެއް ކަމަށެވެ. ވަޒީރު ވަނީ ވޭތުވެދިޔަ އަހަރު މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މުވައްޒަފުންނަށް ސުވާލުކުރުމުގެ ފުރުޞަތު ދެއްވައި، މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންގެ ޚިޔާލު ހޯއްދެވިއެވެ. މީގެއިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، ޓީމް ސްޕިރިޓް އިތުރުކޮށް ކުރިއަށް އޮތް ތާނގައި ހުރިހާ މުވައްޒަފުން އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް މިނިސްޓަރ ވިދާޅުވިއެވެ.

































