ރާއްޖެއަކީ ޤުދުރަތީ ކާރިސާތަކަށް ވިލުންތެރި ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް ދައްކުވައިދޭ ”ވިލުންތެރި 20“ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ސުނާމީ ކާރިސާގައި ރާއްޖޭގެ ބޮޑު އާބާދީއަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީ އެތައް އަހަރެއް ފަހަތައް ޖައްސާލާވަރުގެ ބޮޑެތި ގެއްލުންތަކެއް ސުނާމީ ކާރިސާގައި ލިބުނުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ ސުނާމީފަދަ ޤުދުރަތީ ކާރިސާތަކަށް ވިލުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމަށާއި އެގޮތުން ދިވެހިރާއްޖޭގެ ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖީ ޕްލޭން ރައީސުލްޖުމްހޫރިއްޔާ މިހާރު ފާސްކުރައްވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މިއަދަކީ ރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 26 ޑިސެންބަރު 2004ވަނަ ދުވަހު ރާއްޖެ ކުރިމަތިލާންޖެހުނު ސުނާމީ ކާރިސާއިން އަރައިގަތުމަށް ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ އަގުވަޒަންކޮށް، ހަނދާކުރުމުގެ ގޮތުންނެވެ. އެދުވަހުގެ ހަނދާންތައް ދައްކުވައިދޭ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. މައުރަޒުގައި ސުނާމީ ކާރިސާ ހިނގި ދުވަހުގެ ޚާއްސަ ބައެއް ފޮޓޯއާއި އެ ދުވަހާ ގުޅުންހުރި ތަކެތި ޑިސްޕްލޭކޮށްފައިވެއެވެ.
ނެޝަނަލް އާޓް ގެލެރީގައި މި މައުރަޒު ކުރިއަށް ދާނީ ބުރާސްފަތު ދުވަހުން އާދިއްތަ ދުވަހަށެވެ. އެގޮތުން މައުރަޒު ހުޅުވިފައި ހުންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހަމައެއާއެކު ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނނދުނު 10:00 ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
މީގެ އިތުރުން އެންޑީއެމްއޭއިން ވަނީ ކުރިއަށް އޮތް 7 އަހަރަށް ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ޚާއްސަ އިސްތިރާޖެއްވެސް އެކުލަވާލާފައެވެ. މި އިސްތިރާޖު އިފްތިތާޙު ކޮށްދެއްވީ ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފެވެ.

































