މޫސަބެ އަކީ އިސް ރަށްވެހިގެން ތެރޭގައި ހިމެނޭ ދެކެފަރިތަ ރައްޓެއްސެކެވެ. މޫސަބެ ވާހަކަ ދެއްކުމުގައި ހުންނަ މަޖާ ގޮތުގެ ސަބަބުން މޫސަބެ އާއި ބައްދަލުވެއްޖެ ނަމަ ކޮންމެވެސް ކަމަކާ ވާހަކަ ދައްކާ ލެވެއެވެ. މިގޮތުން ސިޔާސީ މަސްރަޙް އާއި އިޖްތިމާޢީ ކަންތަކާއި އަދި ބައެއް ފަހަރު އަންހެން ކުދީންގެ ވާހަކަވެސް ދައްކާލެވެއެވެ. މިގޮތުން މަގުމަތިން ދިމާވެއްޖިއްޔާ ދައްކަން ފަށާ ވާހަކަ ނިމޭނީ ކޮންމެވެސް ސައި ހޮޓަލެއްގެ މޭޒު ކައިރިންނެވެ.
އެޗް ޑީސީގެ ގޯތިތަކެއް ޤަވާއިދާ ޚިލާފަށް ދީގެން އުޅޭ މައްސަލަ ޖެހުނު ފަހުން އިހަކަށް ދުވަހު މޫސަބެ އާއި ބައްދަލުވެއްޖެއެވެ. ހަމަ ފެންނަ އިރަށް މޫސަބެ އެއްކަލަ މަޖާ ގޮތަށް ވާހަކަ ފަށާއިފިއެވެ. މޫސަބެ ދެއްކި ވާހަކަ ކިޔުންތެރިންނަށް މިގެނެސްދެނީ މޫސަބެ ޚިޔާލު ހުރި ގޮތާ ކަން ހިނގާ ދިޔަ ގޮތާ އެއްގޮތް ކަމުންނެވެ.
މޫސަބެ އެކު ޖެހިގެން ހުރި ހޮޓަލުގެ މޭޒެއްގެ ކައިރީގައި ދެމީހުން އިށީދެ ހެދިކާއަށާއ ކޮފީއަކަށް އޯޑަރ ދީފިމެވެ. އެއަށް ފަހު މޫސަބެގެ ވާހަކަ ފަށައިފިއެވެ.
އެޗްޑީސީގެ ކަން ހިނގާގޮތުގެ ވާހަކަ އެތަނުގައި ކުރީގެ ޗެއާރމަން ޡުހޫރު ރައީސްއަށް ދިގު ސިޓީ އެއް މިދިޔަ ޖުލައި މަހު ފޮނުވި ވާހަކަ އެބަ ދެކެވޭ ނޫންހެއެވެ. ރައީސް ތަކުރާރުކޮށް ވިދާޅުވެ ނޫންހޭ، ކޮރަޕްޝަން ކަމެއް ހިނގާ ކަމަށްވަންޏާ ވަކި މީހަކަށް ބެލުމެއް ނެތި އެކަން ހުއްޓުވާނަމެވެ. އެހެންވީމަ މޫސަބެ އަށް ހީވަނީ އެސިޓީ ރައީސް ނުލިބެނީއެވެ. ރައީސް އޮފީހަށް ލިބޭ ހުރިހާ ސިޓީއެއް ރައީސް އަތްޕުޅަށް ނާރާވެސް ހުރަދާނެ ދޯއެވެ. އެއޮފީހުގެ ކަމާ ބެހޭ ވެރިންގެ އަތްޕުޅުގައި އަދި އޮތީ ކަމަށް ވެދާނެއެވެ. އެއީ ނުހަނު ބޮޑު އޮފީހެއްވިއްޔާއެވެ. އަނެއްކާ ރައީސް ތަރުޙީބު ނުދެއްވާ ވާހަކަ ތަކެއް ހުރި ސިޓީ އެއް ވީމަ، ރައީސްއަރިހަށް ގެންދަވަން ތިއްބަވާ ބޭފުޅުންނަށް ސިޓީ ގެންދަވަން ނުކެރެނީ ކަމަށް ވެދާނެއެވެ. ނޫނީ ކޮންމެވެސް ނުފޫޒު ގަދަ އަތެއް ސިޓީގައި އަތް އެޅީއެވެ.
އަޅުގަނޑު އަހާލައިފިމެވެ. މޫސަބެ ތިޔަހެން ތިބުނަނީ ހަމަ އެގޭތީހޭ…. މޫސަބެ ޗޮކެއް ކަނޑާފައި ބުނެފިއެވެ. ނޫން މަށަކަށް ނޭގެއެވެ. މަށަށް ހީވާ އެއްޗެކޭ މިބުނަނީ. ދެވަނަ ގޮތެއް ވެސް އެބައޮތެވެ. އެއީ ޒުހޫރު ފޮނުއްވި ސިޓީ ވަރަށް ދިގެއެވެ. ކިޔާ އަޑު އިވެނީ 7ޞަފާހާގެ ސިޓީއެކެވެ. ވީމާ އެސިޓީ ދިގުކަމުން އަދި ރައީސް ވިދާޅުވެ ނުނިންމެވެނީސް ގޯތީގެ މައްސަލަ ”ލީކު“ ވީއެވެ. ރައީސްއަށް އެނގި ވަޑައިގެންނެވިނަމަ، އެފަދަ ކޮރަޕްޝަން ކަންތައްތައް ކުރެއްވުމަށް ޖާގަ ނުދެއްވާނެއެވެ. ހަސަނަކަށް ހުސައިނަކަށް ބެއްލެވުމެއް ނެތި ފިޔަވަޅު އަޅުއްވާނެއެވެ. ޡުހޫރު ވެސް ތަންކޮޅެއް ކުރުކޮށް ދެސިޓީއަކަށް ހައްދަވާފައި ފޮނުއްވިނަމަ ފަސޭހަފުޅު ވާނެތާއެވެ. މޫސަބެ ސައި ފޮދެއް ބޯލަމުން ބުނެފިއެވެ.
މޫސަބެ މިވާހަކަ ދެއްކި ދުވަހު ނޫން އަނެއް ދުވަހު ރައީސް ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ޡުހޫރުގެ ސިޓީ އެމަނިކުފާނަށް ލިބި ވަޑައި ނުގަންނަވާ ކަމަށެވެ. ޖުލައި މަހު ފޮނުވި އެފަދަ ޚައްސާސް ވާހަކަ ތަކެއް އެކުލެވިގެންވާ ސިޓީއެއް ޑިސެމްބަރ މަހުގެ މެދަކަށް ދިޔައިރުވެސް ރައީސް އަރިހަށް ނުދެއެވެ. މިއީ ސަރުކާރުގެ މައި އިދާރާގެ ހާލަތެވެ. ދެން އެހެން އޮފީހަކަށް ފޮނުވާ ސިޓީއަށްވެސް ވާނީ ކިހިނެއް ބާވައެވެ. މޫސަބެ ޚިޔާލަކީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ފޮނުއްވާ ސިޓީތަކާއި މައްސަލަތައް ސޯސަލް މީޑިއާގައި އާއްމު ކުރުމެވެ. އެއިރުން ދެން އެންމެންނަށް ވެސް އެގޭނެތާއެވެ. އެއިރުން އެންމެގެ ސަމާލުކަން އެކަމަކަށް ލިބޭނެ ތާއެވެ.

































