އެޗްޑީސީގެ ގޯތީގެ ވައްކަމުގެ މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ، ރަޖްނީ ޝުއައިބަށް ނުހައްގުން ވިނަރެސް ފްލެޓެއް ލިބިފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމުގައި ހިމެނޭ ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓް ލިބުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދެ އެވެ. އެ ޕޯސްޓްތަކުގައި ބުނާގޮތުން ރަޖުނީއާއި އޭނާގެ އަންހެނުންނަށް ފްލެޓް ލިބިފައިވަނީ ވިނަރެސް ފްލެޓްތަކުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައިވަނީ، ރަޖުނީ ޝުޢައިބާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މަޢުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.
ނިމިދިޔަ ސަރުކާރުން ވިނަރެސް ފްލެޓްތައް ދޫކޮށްފައިވަނީ ފްލެޓްތައް އިއުލާނު ކޮށްގެން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އަދި ސީލައިފް ކުންފުނީގެ ސަބަބުން ފްލެޓް ނުލިބި ތިބި މީހުންގެ ތެރެއިން ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައިވާ މީހުންނަށެވެ. އަދި ނުދެވި ހުރި 123 ވިނަރެސް ފްލެޓް ދޫކޮށްފައިވަނީ މި ސަރުކާރުންނެވެ.
ވިނަރެސް ފްލެޓަށް ޝަރުތު ހަމަވެ، އެ ފްލެޓް ލިބޭ މީހުންގެ ނަންނަތައް އެޗްޑީސީއިން އާއްމު ވެސް ކުރި އެވެ. އާއްމު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާގައި ކުރަމުންދާ ޕޯސްޓްތަކުގައި ބުނީ ރަޖުނީ އާއި އޭނާގެ އަންހެނުންގެ ނަން އެއިން އެއްވެސް ލިސްޓެއްގައި ހިމެނިފައިނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ރަޖްނީ އޭނާ ފްލެޓަށް އެދި ހުށަހަޅާފައިވަނީ، އޭނާ އަންހެނުންނާއެކު ދިރިއުޅޭ ގޮތަށް، ކޯ-އެޕްލިކަންޓް ފޯމެކެވެ. ރަޖްނީ ވިނަރެސް ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ގައެވެ.

































