ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ކުރީގެ ސަރުކާރުގައި ބިންވެރިޔާ ސްކީމުގެ ކަންކަމުގައި އިސްކޮށް އުޅުނު އަކްރަމާއި އާރިފް ހިމެނޭހެން ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން އަމުރަކަށް އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންނެވެ. މި ލިސްޓުގައި ދެން ތިބި ދެމީހުންނަކީ އަހުމަދު ވިޝާން ނަސީމް – ޑިރެކްޓާ ޖެނެރަލް އާއި ލިރުގާމް ވަހީދު – ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިމެނެއެވެ.
ޕާސްޕޯޓް ހިފެހެއްޓި ހައުސިންގެ ކުރީގެ އިސްވެރިންނަކީ އޭރު ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.
މިމައްސަލައިގައި މިއަދުވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. މި 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ވަގަށް ވިއްކި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ބުދަ ދުވަހުގެ އެޗްޑީސީއަށް ވަދެފަ އެވެ. ފުލުހުން މި މައްސަލަ ބަލަމުން ދަނީ ފޯޖުކޮށްފައި ހުރި ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ގޯތިތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭތީ އެވެ.

































