ރައްޔިތުން އެކިކަންކަމަށް ހޭކުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލު ޗުއްޓީ ދުވަސްވަރާ ދިމާކޮށް މާލެއިން ރަށްރަށަށް ފުރާމީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މާލެސިޓީގައި ޕޮލިހުން ހިންގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު މާލެއިން ފުރައިގެން ތަންތަނަށް ދާނެކަމަށް ބެލެވޭތީ، އެފަރާތްތަކާ ބައްދަލުކޮށް ފުރައިގެން ދިޔުމުގެ ކުރިން ގޯތި ގެދޮރަށާއި އަގުބޮޑު މުދަލަށް ރައްކާތެރިވާނެ ގޮތްތައް ކިޔައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި މިޕްރޮގްރާމުގެ ތެރެއިން މިއަދު ވަނީ މާލޭގެ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި ފުރަން ގޮސްތިބި މީހުންނާ ބައްދަލުކޮށް މައުލޫމާދީފައެވެ.
ފުލުހުން އިތުރަށް ބުނީ، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް އިރުޝާދު ދީފައިވާކަމަށެވެ. އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދީފައިވާކަމަށެވެ.
މީގެއިތުރުން ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ފުރުމުގެ ކުރިން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކޮށްފައި ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ. އަދި ސައިކަލުގެ ހުންގާނާއި ޝަޓަރ ވެސް ލޮކްކޮށް ތަޅުދަނޑި ޖަހާފައި ނުބަހައްޓާ އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ހަވާލުކުރުމަށްވެސް ހަނދާން ކޮށްދީފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން މާލޭސިޓީގައި މީހުން ފުރަންދާ ތަންތަނަށް ފުލުހުން ގޮސް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

































