ޤައުމިއްޔަތު ރޫހު ދިރުވާ އާލާ ކުރައްވާ ދިވެހިންގެ ހިތުގައި އިސްލާމް ދީނުގެ ރިވެތި އަޚުލާޤު ޤާއިމް ކުރެއްވުމުގެ މަސައްކަތަކީ ރައީސް ޑޮކްޓަރ މުޙަންމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެއްޓެވި އެއް މަސައްކަތްޕުޅު ކަން އެމަނިކުފާނުގެ އެތަކެއް ތަޤްރީރުގައި ވިދާޅުވެ ވެފައިވެއެވެ. އަދި އުމުރާނީ ތަރައްޤީ އާއި އެއްވަރަށް އިންސާނީ ފިކުރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތްޕުޅު ވަނީ ފައްޓަވާފަ ވެއެވެ. މިއަހަރުގެ ޤައުމީ ދުވަހު ގެ މުނާސަބަތުގައި، ރައީސް ޑޮކްޓަރ މުއިއްޒު ދެއްވި ތަޤްރީރަކީ ދިވެހި ޤައުމިއްޔަތު އާލާ ދިރުވާ އިހުގެ ކާބަފައިން ގެންގުޅުނު ރީތި އާދަ ތައް ހަދާން އައުވެގެން ދިޔަ ތަޤްރީރެކެވެ. އެމަނިކުފާނު އެދި ވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުން ވިދާޅުވެފައި ވާނީ “ ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިޢާދަކުރުމުގައި، މި ރޫޙު އަޅުގަނޑު ބޭނުން. ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރްއާން ކިޔެވުމުގައި ކުޑަކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް ދެކެން އަޅުގަނޑު ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން.“ މިހެންނެވެ.
މިއަދުގެ ކުޑަކުދީންނަކީ ދިވެހި ޤައުމުގެ މުސްތަޤުބަލެވެ. އެކުދީންނަށް ދެވޭ ތަރުބިއްޔަތާ އެކުދިން މިއަދު ޢަމަލު ކުރާ ގޮތަކީ މާދަމާ އެކުދިންގެ އުޅޭނެ ގޮތެވެ. ރައީސްގެ ތަޤްރީރުގައި ވިދާޅުވެފައި ވަނީ ދެނަމާދު ދޭތެރެ ، (މަޣްރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު) ކުޑަކުދީން ޤުރުއާން ކިޔެވުމަށް ޝައުޤުވެރި ކުރުވަން ބޭނުންފުޅު ވާ ކަމަށެވެ. އެއީ ދިވެހިންގެ ތެރޭގައި ކުރީގައި އޮތް ރީތި އާދައެކެވެ. ދެނަމާދު ދޭތެރެ ޔާސީން ސޫރާތް ހުރިހާ ގެއެއްގައި ވެސް ޤުރުއާން ކިޔެވުމުގެ އާދަ އޮތެވެ. އެކަމަށް އެކުދިންނަށް ފުރުޞަތު ލިބެއެވެ. ކިޔަވައިދޭ ސްކޫލުތަކުންނާއި މައިންބަފައިން އެދުވަހު އެކަމަށް ސަމާލުކަން ދިނެވެ. ނަމަވެސް މިއަދު މިދެކޭ ތަރައްޤީ އައިސް ސްކޫލްތަކުގައި އިތުރު ޙަރަކާތްތައްވެސް އިތުރުވެ، ސްކޫލްގެ ރަސްމީ ކްލާސްތަކުގެ އިތުރުން ދަރިވަރުންނަށް އިތުރު ޙަރަކާތްތައް އިތުރުވެ މަޑުމަޑަން އެއާދަ ވަނީ ފަނޑުވެ ނުވަތަ މުޅިން ނެތިވެ ގޮސްފައެވެ. ނަމަވެސް މިއަދުގެ ރައީސް ޑޮކްޓަރ މުއިއްޒު އެދި ވަޑައިގަންނަވަނީ އެއާދަ އާލާ ވުމަށެވެ. އަޅުގަނޑުމެން ދިރިއުޅޭ ގެތަކުގައި ޤުރުއާން ކިޔެވުމުގެ އާދަ ދިރުވުމަށެވެ. ރައީސް އެދި ވަޑައިގަންނަވާ ގޮތަށް ދަރިވަރުންނަށް އެފުރުޞަތު ފަހިވާ ގޮތަށް ބައެއް ސްކޫލްތަކުން އަމަލު ކުރާތަނެއް ނުފެނޭ ދެންނެވި ދާނެއެވެ. މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދު ވަގުތު ތަކުގައި ވެސް އަދި ވެސް ދަރިވަރުންގެ އިތުރު ހަރަކާތްތައް ހިންގާތަން ފެނެއެވެ. ކުޅިވަރާ ބޭންޑު ހަރަކާތްތަކާއި މުބާރާތްތަކަށް ފަރިތަކުރުން ފަދަ ހަރަކާތްތައް ސްކޫލްތަކުގައި އެގަޑީގައި ހިންގައެވެ. ކިޔެވުމުގެ އިތުރު ގަޑިތައް ވެސް ދަރިވަރުންނަށް ހިންގާތަން ފެނެއެވެ. އެގަޑީގައި ކީރިތި ޤުރުއާން ކިޔެވުމަށް ދަރިވަރުންނަށް ފަހި ކޮށްދިނުމަށްޓަކައި ދެނަމާދު ދޭތެރެ ގަޑީގައި އެއްވެސް ޙަރަކާތެއް ނުހިންގުމަކަށް ސްކޫލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެޑިއުކޭޝަން މިނިސްޓްރީ ސްކޫލްތަކަށް އެންގެވި ކަމެއް އެނގިފައެއްނެތެވެ. އެންމެ ފަހުން އެޑިއުކޭޝަން މިނިސްޓްރީ އެންގެވީ ސްކޫލް ބަންދުގައި ހަރަކާތްތައް ނުހިންގުމަށެވެ. އެހެނިހެން ފަރާތްތަކުން ސްކޫލްތަކަށް އަމާޒުކޮށްގެން ޙަރަކާތްތައް އިންތިޒާމު ކުރުމުގެ ކުރީން ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. ވީމާ އިހުގައި އޮތް ރީތި އާދައެއްކަމުގައިވާ ދެނަމާދު ދޭތެރެ (މަޣްރިބާ ޢިޝާނަމާދާ ދެމެދު) ޤުރުއާން ކިޔެވުމުގެ އާދަ އާލާ ކުރުމަކަށް ސުކޫލްތަކުން ނުވަތަ އެޑިއުކޭޝަން މިނިސްޓްރީންވެސް ސަމާލުކަން ދިން ކަމެއް ފާހަގަ ނުކުރެވެއެވެ. އަދި އެވަގުތު ދަރިވަރުން ގޭގައި ތިބޭވޭނެ އިންތިޒާމް ހަމަ ޖެއްސުމަށް ބައެއް ސްކޫލްތަކުން ބާރު އަޅާ ކަމެއް ކަމަކަށް ނުފެނެއެވެ. މަޣްރިބް ނަމާދާ އިޝާ ނަމާދާ ދެމެދު ވަގުތުގައި ހޭދަ ވާނީ ގިނަވަގެން 1ގަޑި 30 މިނިޓެއް ހާއިރުއެވެ. އަވަގުތު ސުކޫލްތަކުގައި އެއްވެސް ހަރަކާތެއް ނުހިންގި ނަމަވެސް ސްކޫލްގެ އިތުރު ޙަރަކާތްތަކަށް ވަގުތު ނުލިބިގެން އުޅެން ޖެހޭނެ ކަމަކަށް ނުފެނެއެވެ. މިކަމުގައި ބެލެނިވެރިން ވެސް ސަމާލުކަން ދީ ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާން ކިޔެވުމުގެ އާދަ ތުއްތު އިރުން ފެށިގެން އަށަގަންނުވަން ޖެހޭނެއެވެ.

































