ޓެކްސީ ސެންޓަރަކާ ގުޅާލީމެވެ. ދެފަހަރަކު ރިންގަށް ފަހު ފޯން ނެގިއެވެ. ކާރެއް ބޭނުން ވާހަކަ ބުނީމެވެ. މައްޗަންގޮޅިން މާފާނު ގެއަކަށް ދާން ކާރެއް އެއް ހޯދުމަށް އެދުނީމެވެ. ޓެކްސީ ސެންޓަރުން ކާރަކަށް ގޮވާ އަޑު އިވުނެވެ. “ ޗާންދަނީ ކުރިކީލަ މަގު ކަންމަޗަށް “ ދިހަވަރަކަށް ފަހަރަކު މަސައްކަތް ކުރުމުން ވެސް ކާރެއް ލިބޭ ގޮތެއް ނުވިއެވެ. ސެންޓަރުން އަޅުގަނޑަށް ޖަވާބު ދިނީ އަދި ލިބޭކަށް ނެތެވެ. މިއީ ޓެކްސީ އެއް ހޯދުމުގައި މާލޭގައި އުޅޭ މީހުން ތަޖްރިބާ ކޮށްފައިވާނެ ކަމެކެވެ. ބައެއް ވަގުތު ތަކުގައި މާލޭގައި ހިންގާ ހުރިހާ ޓެކްސީ ސެންޓަރތަކާ ގުޅި ނަމަވެސް ޓެކްސީ އެއް ލިބުމަކީ ވަރަށް އުދަގޫ ކަމެކެވެ. އަދި އެޕްތަކުން ވެސް ޓެކްސީއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. 10ވަރަކަށް މިނިޓް ގެ ތެރޭގައި މުސްކުޅިއަކު ގޮވައިގެން ދާން ޖެހޭ ތަނަކަށް ބައިގަޑި އިރު ނުވަތަ އެއަށް ވުރެ ގިނަ ވަގުތު ވެސް ޓެކްސީ އެއް ނުލިބި ހޭދަ ވެއެވެ.
މިއަދު މާލެއަކީ ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ. މާލެ ، ހުޅުމާލެ ބުރިޖްގެ ފަސޭހަ އާއި އެކު އެއްގަމުގެ ދަތުރު ފަތުރު ވަނީ އެތައް ގުނައަކަށް އިތުރު ވެފައެވެ. ކުރިމަގުގައި އެއްގަމު ދަތުރު ފަތުރު މާލެ ސަރަޙައްދުގައި އެތައް ގުނައެއް އިތުރުވެގެން ދާނެއެވެ. އާއްމުންގެ ދަތުރު ފަތުރުގެ ފަސޭހައަށް ޓަކައި، ބަހުގެ ޚިދުމަތް އެމްޓީ ސީސީއިން މިހާރު ދެމުން ގެންދެއެވެ.
މިފަހަކަށް އައިސް ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅު ކުރި މައްސަލައަކީ ސަރުކާރުން ޓެކްސީގެ ޚިދުމަތްފަށަން އުޅޭތީއެވެ. ބަހުގެ ޚިދުމަތާއި އެކުވެސް ޓެކްސީ ޑްރައިވަރުން މިކަން ބޮޑުވުން ފާޅުކުރިއެވެ. އަޅުގަނޑު ސުވާލަކީ ޓެކްސީގެ ޚިދުމަތް މިއަދު މާލޭގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ގޮތަށް ޓެކްސީ ސެންޓަރު ތަކުން ނުވަތަ ޓެކްސީ ޑްރައިވަރުންނަށް ދެވޭތޯއެވެ. ސަރުކާރުން އެޚިދުމަތް ފެއްޓުމުން ރައްޔިތުނަށް ލިބޭ ފަސޭހައިގެ ސަބަބުން ޓެކްސީ ސެންޓަރތައް ބަންދު ކުރަން ޖެހޭނެތޯއެވެ. ނުވަތަ ޓެކްސީ ޑްރައިވަރުންގެ މަސައްކަތް މުޅިން ހުއްޓުމަކަށް އަންނާނެ ތޯއެވެ. މިއަދު ޕްރައިވެޓް ބޯޑްގައި ޖަހައިގެން ޓެކްސީ ޚިދުމަތް ދޭ އެތައް ބަޔަކު އުޅޭ އިރުވެސް ޓެކްސީއެއް ނުލިބިގެން އެތަކެއް ބަޔަކު މަގުމަތީގައި ޓެކްސީއަށް އަތް ނަގަން ތިބޭ މަންޒަރު ނުފެނޭތޯއެވެ. ހަމަ ޔަޤީނުން ވެސް ސްކޫލް ބަންދު ދުވަސް ވަރު މިމަންޒަރު އިތުރަށް ފެނެއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ޓެކްސީ ޑްރައިވަރުން އަދި ސެންޓަރ ތަކުންވެސް ކުރަންވީ ކަމަކީ ޚިދުމަތް ރަގަޅު ކުރުމެވެ. އަވަސް ޚިދުމަތް ކަސްޓަމަރުންނަށް ދެވޭނެ ގޮތް ހެދުމެވެ. ޓެކްސީ ހޯދަން ގުޅާ މީހާއަށް “ މިވަގުތު ލިބޭކަށް ނެތް “ މިހެން ބުނުމުގެ ބަދަލުގައި ޓެކްސީއެއް އޭނާއަށް ލިބޭނެ ގޮތް ހަދައިދޭންވީއެވެ. ޓެކްސީ ޑްރައިވަރުން ވެސް ވަކި ޔުނީފޯމެއްގައި ތިބޭ ގޮތަށް ހަމަ ޖައްސަން ވީއެވެ. ޓެކްސީ ޑްރައިވަރުން ވެސް އެކުރަނީ ޚިދުމަތެކެވެ. އެއީ ފައިސާއަށް ދޭ ޚިދުމަތެކެވެ. އެހެންވީމާ އެޚިދުމަތް ވާން ޖެހޭނީ ކަސްޓަމަރުން ހިތްހަމަ ޖެހޭ ޚިދުމަތަކަށެވެ. ހުރިހާ ގޮތަކުންނެވެ. ސާފު ތާހިރު ކަމާއި ބަސްމަގާއި މުއާމަލާތާއި އަގާ ވަގުތާ މިފަދަ އެތައް ކަމެކެވެ. ނަމަވެސް މިއަދު ފެންނަނީ އެހެން މަންޒަރެކެވެ. ޚިދުމަތް ރަގަޅު ކުރުމުގެ ބަދަލުގައި އިހްތިޖާޖް ކުރާތަނެވެ. އާއްމު ދަތުރު ފަތުރަށް ހުރަސް އަޅާ ރައްޔިތު މީހާއަށްވެސް އިތުރަށް ދަތިވާނެ ގޮތަށް ކަންތައް ކުރާތަނެވެ. ވިޔަފާރި އަކީ ވާދަ ވެރިކަން އަންނާނެ ކަމެކެވެ. އެވާދަ ވެރިކަމުގެ ތެރެއިން ރަގަޅު އަވަސް ޚިދުމަތް ދޭ ފަރާތަކަށް ކަސްޓަމަރުން އަބަދުވެސް ބަދަލު ވެގެން ދާނެއެވެ. ވީމާ ޚިދުމަތް ދޭ ފަރާތްތަކުން ކުރަން ޖޭހެނެ ކަމަކީ ޚިދުމަތް ރަގަޅު ކުރުމެވެ. ދެވޭ ޚިދުމަތް ކަސްޓަމަރުން ބަލައިގަންނަ ޚިދުމަތަކަށް ހެދުމެވެ. މިދެންނެވީ އެއްގޮތަކަށްވެސް ސަރުކާރުން ޓެކްސީ ޚިދުމަތް ދޭން އަޅުގަނޑު ތާއިދު ކުރަނީއެކޭ ނޫނެވެ. ނަމަވެސް ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ނުލިބި ރައްޔިތުނަށް ތަކުލީފަކަށް ވާކަމަށް ވާނަމަ އެޚިދުމަތް ސަރުކާރުން ނަމަވެސް ދީގެން ރައްޔިތުންގެ ވޭންތަކަށް ތަސައްލީއެއް ހޯދައި ދޭން ޖެހޭނެއެވެ. ވީމާ ޓެކްސީ ޑްރައިވަރުން ކަންބޮޑުވާނެ ކަމެއް ނެތެވެ. ޚިދުމަތް ރަގަޅު ކުރައްވާށެވެ. ރައްޔިތުން މިތިބީ ހަމަ ތިޔަ ޓެކްސީ ގެ އިންތިޒާރުގައި ގޭ ދޮރުމަތީ ގައެވެ.

































