25 މިލިއަން ރުފިޔާގެ އަގުހުރި ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް ހުޅުވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހިތަދޫ ކެމްޕަސް ހުޅުވުމަށް ބޭއްވީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ.
ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވުޒާރައިން ބުނީ، ވިލާ ކޮލެޖްގެ މި ކެމްޕަހަކީ މަތީ ތަޢުލީމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ޒަމާނީ އަގުހުރި ވަސީލަތްތަކާއިއެކު ޤާޢިމުކުރާ، 25 މިލިއަން ރުފިޔާ ޚަރުދުކުރެވޭ ބޮޑު އިންވެސްޓްމެންޓެއްކަމަށެވެ. މީގެ އިތުރުން، މި ކެމްޕަހުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައިވާ ކަމަށެވެ.
ހިތަދޫ ކެމްޕަސް އިފްތިތާޙްކުރުމުގެ މި ރަސްމިއްޔާތުގައި، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ، ޢަލީ ނިޒާރު، ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ.އަޙްމަދު އަންވަރު އަދި އެކި އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
އަތޮޅުތަކުގައި މިފަދަ މަތީ ތަޢުލީމު ފޯރުކޮށްދޭ ކެމްޕަސްތައް ޤާއިމްވެގެން ދިޔުމަކީ ރާއްޖޭގެ މަތީ ތަޢުލީމް އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތައް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވުޒާރައިން ފާހަގަކުރެއެވެ.

































