ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވާނީ ދިވެހިރާއްޖޭގެ މުޖުތަމައުއަކީ ދޮޅަހެޔޮ މުޖުތަމައުއެއްގެ ގޮތުގައި އޮތުމަށް މަގުފަހުވުން ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޞިއްޙީ ވުޒާރައިން ބުނީ، އުނގޫފާރު ރިޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ ވޭޕްމަނާ ކުރުމާއި ދުންފަތާ ދުރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ރައްޔިތުން ބޭނުންވެގެން އަޅާފިޔަވަޅުތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުން އެއްކަމަކަށް އެއްބަސްވާނަމަ އެއްބަސްވާނެ އެއްކަންތައް ކަމަށެވެ. ހަމައެހެންމެ ދުންފަތާ ދުރުވުމަށް އެހީވުމަށް ”ޓޮބޭކޯ ސިޒޭޝަން ކްލިނިކް“މުޅި ރާއްޖޭގައި ހިންގުމަކީ ކުޑަކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއިން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ޖަލްސާގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމް ވަރުގަދަކޮށް އެ ނިޒާމަށް މީހުން ހޭލުންތެރިކުރުމަށް ފަށާ މަސައްކަތަކީ ދުޅަހެޔޮ މުޖުތަމައުއެއް އޮތުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.
ގިނަ ޑޮކްޓަރުން ތިބުމަކީ ސިއްހީ ނިޒާމްގެ މުޅި ހައްލު ނޫން ކަން އެއީ ދުނިޔެދައްކަމުންދާ ހަގީގަތްކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުގެ ސިއްހީ ނިޒާމް ބައްޓަން ކުރެވިފައި ހުރީ ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ދޭ ސަމާލުކަން އިތުރުކޮށް ހަމައެއާއެކު ބޭސްފަރުވާ ކުރަން ޖެހޭ ހާލަތުގައި ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ނިޒާމް ތަންފީޒު ކުރުމަށް ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ އާސަންދަ ނިޒާމް ހަރުދަނާކޮށް އެ ނިޒާމުން އެންމެ ރަނގަޅު ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރުވެސް އާސަންދަ ނިޒާމްގެ ތެރެއިން ލިބެމުންދާ އެއްވެސް ހިދުމަތެއް އެއްވެސް ރައްޔިތަކަށް އުނިވެގެންނުދާނެ ކަމަށް ފާހަގަ ކުރެއްވިއެވެ.

































