ކީރިތި ޤުރުއާން އަކީ ﷲގެ ކަލާމްފުޅު ކަމާއި އަދި އަހަރެމެންނާ ހަމައަށް އައިސްފައިވާ ގޮތާއި އަދި އެފޮތުގައި ކުށެއް ނެތް ކަމާއި މެދު ޝައްކެތް ނެތަސް މިކަންކަމުގައި ޝައްކުތަކާއި ޝުބުހުތައް އުފައްދަން ބަޔަކު މަސައްކަތް ކުރާ ކަމަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދު ކުރި ހުކުރު ނަމާދުގެ ޚުތުބާގައި ފާހަގަކޮށްފިއެވެ. މިއަދު ޚުތުބާގައި އިމާމު ވިދާޅުވީ، ކީރިތި ޤުރުއާން ބާވަލައްވަން ފެއްޓެވުމާއި ހަމައިން މިއަދާ ހަމައަށް ވެސް ކީރިތި ޤުރުއާންނާ މެދު ޝުބުހު އުފެއްދުން ދެމިއޮތްކަމާއި، އެކަމުގެ ބޭނުމަކީ، މުސްލިމުން ﷲ އާއި އެކަލާންގެ ފޮތާއި ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާން ކަމުގައި އެއުރެން ބައިބައި ކޮށްލާ އީމާން ކަމާއި މަތިވެރި އަޤީދާއާ ދުރު ކުރުން ކަމުގައެވެ. އަދި އެއީ މުސްލިމުން އިސްލާމީ ޝަރީޢަތާ ބީރައްޓެހި ކުރުން ކަމަށް ފާހަގަ ކުރައްވަމުން ، މިއީ މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލާ ތިބެން ޖެހޭ ކަމެއް ކަމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން ޚުތުބާ ކުރިއަށް ގެންދަވަމުން ވިދާޅުވީ މިއީ މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ މިޒަމާނުގައި ނޭނގި ތިއްބާ އެފަދަ މީހުންގެ ދަލުގައި ޖެހި މަޅީގައި ބެދުމަކީ ދުރު ކަމެއް ނޫން ކަމެއް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. މިއަދުގެ ހުކުރު ޚުތުބާގައި ކީރިތި ޤުރުއާން އަކީ މާތްﷲގެ ކަލާމްފުޅު ކަމުގެ އިލްމީ އެތައް ހެކިތަކެއް ގެނެސްދެއްވާފައި ވެއެވެ. އެއިގެ ތެރެއިން އެއް ހެއްކެއްގެ ގޮތުގައި ޚުޠުބާގައި ފާހަގަ ކުރެއްވި މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަ ގަތީއްސުރެ ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލްތަކުގެ ވާހަކަ ކީރިތި ޤުރުއާންގައި ތަފްޞީލްކޮށް ބަޔާން ކުރައްވާފައި ވާ ކަމަށެވެ. މިގޮތުން ސޫރަތުލް މުއުމިނޫންގެ 14ވަނަ އާޔަތް ވިދާޅުވެ ދެއްވާ، މިއީ އެ ޒަމާނުގައި އިލާހީ ވަޙީގެ ޒަރިއްޔާއިން ނޫން ގޮތަކަށް އެއްވެސް މީހަކަށް އެގޭނެ މައުލޫމާތެއް ނޫން ކަމަށާއި މިޒަމާނުގެ އިލްމީ ދިރާސާތަކަށް ބަލާއިރު މިމިސާލުން އެކަނިވެސް ކީރިތި ޤުރުއާން އަކީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ކަލާމް ފުޅުކަން ކަށަވަރު ވާކަމަށް ފާހަގަ ކުރެއްވިއެވެ.

































