ރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއިން ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން، އާއްމު ދަތުރު ފަތުރަށް ހުރަސް އަޅައި، ހުޅުމާލޭގެ މަގުތައް ބްލޮކްކޮށްފައިވާ މައްސަލައާއި ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ހަތަރު ފުރުޅުލީ 22 ވެހިކަލްއެއް ޓޯ ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ. މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މުޙައްމަދު ޝާމިން، (39އ، މއ.. ވިރާހު، މާލެ) , އަހުމަދު ޝަބީން، (33އ، ސަންރޭ، ލ..ދަނބިދޫ) އަދި ނުއުމާން އަހުމަދު، (36އ، ހޮލިޑޭވިލެޖް، ހދ.ކުމުންދޫ )އެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޝާމިން އާއި އަހުމަދު ޝަބީން ފަސް ދުވަސްވަންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. އަދި ނުއުމާން އަހުމަދު ޝަރުތުކުރުމަށްފަހުވަނީ ދޫކޮށްލާފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދޭން މަސައްކަތް ކުރަން ފެށުމާ ގުޅިގެންނެވެ.
ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށަން ނިންމުމާއި، ޕާކު ކުރާނެ ޖާގަ ނުދައްކައި ވެހިކަލް ޓޯކުރާ މައްސަލައިގައި މިދިޔަ އޮގަސްޓު މަހުވެސް ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރިކަން ފާހަގަކޮށްލެވެއެވެ.

































