ސަރުކާރުގެ ވުޒާރާތަކެއް ހިންގަމުން އަންނަ އިމާރާތެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ގެދޮރުވެރިއާ ސްކީމާއި ގުޅޭ އެއްވެސް ލިޔެކިއުމަކަށް އަސަރެއްކޮށްފައިނުވާ ކަމަށް ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެ އެ ވުޒާރާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެފައިވާއިރު، ސިފައިންނާއި، ފަޔާރ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާގެ ސަބަބުން އެ ވުޒާރާގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައިނުވާ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން ހާދިސާއާ ގުޅިގެން އެ އެ ވުޒާރާއިން ކުރަމުންދާ ގެދޮރުވެރިއާ ސްކީމާގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ ވުޒާރާގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތެއްކަމަށްވާތީ، މި ހާދިސާގެ ސަބަބުން އެ މައުލޫމާތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އަލިފާނުގެ ހާދިޘާ ހިނގި ސަރަހައްދުގައި ހުންނަވައި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މީޑިއާއަށް ވިދާޅުވީ ހެނދުނު 6:30 އެހާއިރުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުން އައި ކަމަށާއި ސިފައިންގެ އަތުގައި ހުރި ހުރިހާ ސާމާނެއް ބޭނުންކޮށްގެން، އަލިފާން ނިއްވަން މަސައްކަތްކުރަމުން ދިޔަ ކަމާށާއި އެންމެ ފުރަތަމަ އިސްކަން ދިނީ ކައިރި ހުރި އިމާރާތްތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ކަމަށެވެ.

































