މުލިއާގޭ ސަރަޙައްދުގައި އިހުތިޖާޖުކުރި ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ބިދޭސީން މަސައްކަތް ކުރަމުން އަންނަނީ ކޮން ކުންފުންޏެއްގައި ކަމެއް އަދި ސާފެއް ނޫނެވެ. އެމީހުން ވަނީ ރައީސް އޮފީހާއި މުލިއާގެ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ.
އެއްވި ބިދޭސީން ފުރަތަމަ އެއްވީ މުލިއާގޭ ކައިރިއަށެވެ. މުލިއާގޭ ކައިރިއަށް އެއްވުމުން ފުލުހުން ވަނީ އެމީހުން މަޖީދިއްޔާ ސްކޫލް ކައިރިއަށް ގެންގޮސްފައެވެ. ފަހުން އެސަރަހައްދުގައި މުޒާހަރާކޮށް އެތަނުން ދިއުމަށް އެދުނު ނަމަވެސް އެކަން އެގޮތަށް ނުކުރުމުން ފުލުހުން ވަނީ ވެހިކަލެއްގައި އެމީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީޏްތަކެއް މުލިއާގެ ހިސާބުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ މައްސަލައާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައިވާނެ ކަމަށެވެ. އެމީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ ކުރިންވެސް މުސާރައާ ގުޅުންހުރި މައްސަލަތަކުގައި ބިދޭސީން މާލޭގައި މުޒާހަރާކޮށްފައިވެއެވެ.
ބިދޭސީން ރާއްޖެ ގެނައުމަށް ފަހު މަސައްކަތް ކުރުވައި، މުސާރަ ނުދޭ މައްސަލައަކީ އާންމު މައްސަލައެކެވެ. އެފަދަ މައްސަލަތަކުގައި މީގެ ކުރިން ވެސް ބިދޭސީން އެއްވުންތައް ބާއްވައި މުޒާހަރާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ޤަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ފަސްހާހެއްހާ ބިދޭސީން ޑީޕޯޓްކުރެވިފަވާކަން ފާހަގަކޮށްލެވެއެވެ.
ބައެއް އިދާރާތަކުން ލަފާކުރާ ގޮތުގައި ގަވާއިދާ ހިލާފަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އެބައުޅެއެވެ. މީގެތެރޭގައި ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންކަން ފާހަގަކޮށްލެވެއެވެ.
މިއަދުގެ މި މުޒާހަރާކޮށްފައިމިވަނީ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗުގައި ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަމުން ގެންދަނިކޮށެވެ.
އަދި އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވަނީ ދެއްވާފައެވެ.

































