މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުއިން އެހީ ފޯރުކޮށްދެއްވުމަށް ބަންޑާރަ ނައިބު، އަހުމަދު އުޝާމް ގޮވާލައްވައިފިއެވެ. ބަންޑާރަނައިބު މިފަދައިން ގޮވާލައްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ)ގެ އިސްތިޝާރީ ލަފަޔަކަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި، އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެވެ .
މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އުފެދޭ ޤާނޫނީ ބައެއް ސުވާލުތަކާއި ގުޅޭ ގޮތުން އައިސީޖީގެ ސްޓެޓިއުޓްގެ 65 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން އެ ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މިއަދުގެ އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރައްވަމުން ބަންޑާރަ ނައިބް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތުކުރެއްވުމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަ ކުރައްވައި، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުއިން އެހީ ފޯރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
ދިވެހި ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަޤުވާމީ މައިދާނުގައި އަޑު އުފަލަމުން ދާ ޤައުމެކެވެ. ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރަކުރުމަށާއި ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި ދިވެހި ރާއްޖެ އިސްދައުރެއް އަދާ ކުރާކަން ފާހަގަ ކުރެވެއެވެ.

































