ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4000 ހައުސިން ޔުނިޓުގެ ޓަވަރުތަކުގައި ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ތައްޔާރުވާން ފަށައިފިއެވެ.
އެފްޑީސީއިން ބުނީ، 4000 ހައުސިން ޔުނިޓުގެ 32 ޓަވަރުގައި 127 ކޮމާޝަލް ޔުނިޓް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޖާގަތަކަކީ ރީޓެއިލް ފިހާރަތައް، ކެފޭ ރެސްޓޯރެންޓްތަކާއި ކްލިނިކްތަކުގެ އިތުރުން އޮފީސްތައް ވެސް ހިންގަން ލިބޭނެ ޖާގަތައް ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
އެފްޑީސީން ބުނީ، އެ ޖާގަތައް ހޯދަން ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.
28،400 މީހުން ދިރިއުޅޭނެ ކަމަށް ބެލެވޭ މި ޓަވަރުތަކުގައި ކޮމާޝަލް ބޭނުމަށް ދޫކުރުމަށް ނިންމާފައިވަނީ 580-6200 އަކަފޫޓޫގެ ޖާގަތައް ކަމަށާއި ކޮމާޝަލް ރޭޓުތަކުގެ އަގު އުޅެނީ އަކަފޫޓެއް 40-45 ރުފިޔާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓުގައި ޖުމްލަ 32 ޓަވަރު އިމާރާތް ކުރެވޭއިރު، މި ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަސާސީ އަދި އެހެނިހެން ބޭނުންތަކަށް ބޭނުންވާނެ ހިދުމަތްތައް އެސަރަހައްދުން ލިބުމަކީ އެފްޑީސީން އިސްކަމެއް ދޭ ކަމެކެވެ. އެހެން ކަމުން އެފްޑީސީން ބުނީ އެ ހިދުމަތްތަކާއި ވިޔަފާރިތައް ހުންނާނީ ހިނގާފައި ދެވޭނެ ދުރުމިންތަކަށް އިސްކަންދީގެން 6 ޒޯނަކަށް ބަހާލެވިފައި ކަމަށެވެ.
އެފްޑީސީން ބުނީ، ކޮމާޝަލް އެލޮކޭޝަން ޕްލޭން ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން ކަމަށެވެ.

































