ދައުލަތުގެ ސިއްހީ ފަރުވާގެ އިންޝުއަރެންސް ސްކީމް، އާސަންދަ ނިޒާމު ރިފޯމް ކުރާ ވަރަށް ވުރެ ހާލަތު ގޯސް ކަމަށާއި އެ ސްކީމް ހުއްޓާލައި އާ ސްކީމެއް އަލުން ފަށަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން ބަހުސްކުރައްވާ ނާޒިމް ވަނީ އާސަންދަ ސްކީމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އާސަންދައިގެ ކަންތައްތައް މާލިއްޔަތު ކޮމިޓީން ބެލިބެލުމުގައި އާސަންދަ ވަނީ ރަނގަޅު ނުކުރެވޭ ވަރަށް ނުވަތަ ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އާސަންދައިން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއެކު ހަދާފައި ހުރި ކޮންޓްރެކްޓްތަކުގެ މެދުވެރިއަކު ހުންނަކަން ޔަގީންކުރެވޭ ކަމަށެވެ. އޭގެ ސަބަބަކީ ޗާޖުކޮށްފައި ހުންނަ އަގުތަކަކީ ގަބޫލުކުރަން ދަތި ވަރަށް ބޮޑެތި އަގުތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ބަޔަކަށް ބައި އެޅޭ ގޮތަށް ހަދާފައި ހުރި އެގްރިމަންޓެއްގެ މަތީގައި މި ސަރުކާރަކުން ދެމިތިބޭކަށް ނުޖެހޭ ކަމަށް ވިދާޅުވެ ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެ ސަބަބުތަކާ ހުރެ އާ ކުންފުންޏެއް ހަދާފަ ނަމަވެސް އެ އެގްރިމަންޓްތައް ބާތިލުކޮށް އާސަންދަ ހަމަމަގަށް އަޅުވަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އެފަދައިން ވާހަކަދެއްކެވިއިރު ދައުލަތަށް ބުރައަކަށް ވެފައިވާ އާސަންދަ ސްކީމް ރިފޯމް ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރުމަށް ވަނީ އިސްލާހުތަކެއް ހިމަނާފައެވެ.

































