ކުއްލި ހާލަތުގައި ގުޅަން އިމެޖެންސީ ކޯލް ސެންޓަރު 911 އިފްތިތާހުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
ރޭގެ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ހެޑް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު އަހުމަދު އަލީ ވިދާޅުވީ މީގެ ކުރިން ކުއްލި ހާލަތްތަކުގައި އެކި ކަންކަމުގައި ގުޅަމުންދިޔައީ އެކި ނަންބަރުތަކަށް ކަމަށެވެ.
އެހެންކަމުގައި އެ ހިދުމަތް ދިނުމާއި ހިދުމަތް ލިބިގަތުމުގައި ތަފާތު އުނދަގޫތައް ކުރިމަތިވަމުން ދިޔަ ކަމަށެވެ. އަދި ރޭ އެ ތަކުލީފުތައް ނިމުމަކަށް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިރޭ ފެށި ހިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށާއި އަދި އެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީން ދޭނެ ކަމަށެވެ.
911 އަކީ އެހެނިހެން ގައުމުތަކުގައި ވެސް ކުއްލި ހާލަތުގައި ބޭނުންކުރާ ނަންބަރެކެވެ.

































