ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ’މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު‘ ގެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.
’މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު‘ ގެ ނަމުގައި އާ ގާނޫނެއް އުފައްދަން ހުށަހެޅުއްވީ އަމިއްލަ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވި ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ.
މިއަދުގެ ޖަލްސާ ފައްޓަވައި، ރިޔާސަތުން އެންގެވި އެންގެވުމެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވީ މެންބަރު މީކާއިލް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް ރިޔާސަތަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ޝަރުތު ހަމަނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ޝަރުތެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޮތީ ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ޚަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
އަދި ސަރުކާރާ ގުޅިފައިވާ މެންބަރެއްގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު ފަރުމަކޮށްފައި ވަނީ ނޫސްވެރިންނާއި މީޑިއާ ހިންގާ ފަރާތްތައް ސަރުކާރުގެ މުށުތެރެއަށްލައި، މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބާރު، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ހަދަން ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
އަދި އެ ބިލަކީ ސީދާ ރައީސް އައްޔަނުކުރާ މެންބަރުންގެ މައްޗަށް އެކުލަވާލެވޭ މީޑިއާ ކޮމިޝަނަކަށް ދިނުމާއެކު، ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް، ނޫސްތަކާއި މީޑިއާތައް ބަންދުކޮށްލުމުގެ ފުރިހަމަ މިނިވަންކަން ސަރުކާރަށް ލިބިގެންދާ ގޮތަށް އޮތް ބިލެއް ކަމަށް ބުނެފައިވެއެވެ.
މި ބިލަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކޮށް، ރައްޔިތުންގެ މިނިވަންކަން ނަގާލުމުގެ ނިޔަތުގައި ސަރުކާރަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ނާޖާއިޒް ބޭނުންކޮށްގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރުކުރެވޭ ބޮޅެއް ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ ފަހަރަކު ހައްގަކަށް އަމާޒުކޮށްގެން، އެ ހައްގުތައް އުނިކޮށް، ގައިދުކުރަމުން ގޮސް ނިޒާމީ ސިފައެއްގައި ރައްޔިތުންގެ މިނިވަންކަމާއި އަސާސީ ހައްގުތައް ދާއިމީ ގޮތެއްގައި ނަގާލުމުގެ ނިޔަތުގައި ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

































