މި ސަރުކާރުން ވެރިކަމަށް އައި ފަހުން 333 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅޭ ގޮތުން މީޑިއާއާއި ވާހަކަދައްކަވައި، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ތަފުސީލު ދެއްވަމުން އިހުސާން ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17ގެ ފަހުން 183 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 333 މިލިއަން ރުފިޔާގެ ޑްރަގްސް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސްތުވާތަކެތި މުޖުތަމައަށް ނެރުމުން ފުލުހުން އެ ބްލޮކް ކޮށްފައިވާ ކަމަށާއި ޕޯޓް އޮފް އެންޓަރީތައް ވާނީ އިތުރު ފިޔަވަޅުތަކެއް އަޅާ ސެކުއާކޮށްފައިކަމަށް އިހުސާން ވިދާޅުވިއެވެ.
އެ މިނިސްޓްރީގެ އިތުރު މަސައްކަތްތައް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޖަލު ތެރޭގައި ސްކޭމް ކޯލުކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގައިފައި ވާނެ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަނުގެ ތެރެއިން ޖަލު ބަލަހައްޓާ ބައެއް އޮފިސަރުން ހޯދުނުކަން އިހުސާން ފާހަގަކުރެއްވިއެވެ.
އެ އޮޕަރޭޝަން ކުރިއަށްގެންދިޔުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޖެހިލުންކުޑަ ނިންމެވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ޖަލުތަކުން ސްކޭމް ކޯލްތައް ކުރަމުންދާ މީހުންގެ އަތުން ފޯނުތައް އަތުލައި ޖަލުތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން ޖުމްލަ ގޮތެއްގައި މުޅި ދާޚިލީ ދާއިރާ ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައި ވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މިހާރު ހަދައިފައި އޮތް ގާނޫނުތަކުގައި ހުރި މައްސަލަތައް ދެނެގަނެ، މައްސަލަތައް ހައްލުކޮށް އެއަށް ބޭނުންވާ ބިލް ޑްރާފްޓް ކުރުމަށްފަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ބިލް ގާނޫނަށް ވުމުން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ފުރިހަމަ ނަތީޖާ ފެންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

































