ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި އަނބުރާ ނުދެއްކޭފަދަ އެއްވެސް ލޯނެއް ނަގާފައި ނުވާނޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ ”ފުދިއްޖެ، ފުނޑިއްޖެ“ގެ ނަމުގައި އެމްޑީޕީން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ؛ގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްވަމުން އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި އަނބުރާ ނުދެއްކޭވަރުގެ އެއްވެސް ލޯނެއް ނަގާފައި ނުވާނޭ ކަމަށާއި ނުދެއްކޭފަދަ ލޯނެއް ނަގާފައި އޮތްނަމަ ޓްރާންޒިޝަން ޕީރިއަޑްގައި ބަޖެޓާއި ނަގާފަ ހުރި އެއްޗެއް ފެންނާނެ ކަމަށެވެ. އަދި އެހެން ނަމަ އައިގޮތަށް އައިސް 35 މިލިއަން ޑޮލަރު ދީފަކާ ދޫނިތަކެއް ގަނެގެން މާލެއަކަށް ނުގެންނާނޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 35 މިލިއަން ޑޮލަރު ޚަރަދުކޮށްފައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކަމަށްކަމަށް ބުނެ ގެނައި އަގުބޮޑު ޑްރޯންތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ޑްރޯން ގަތުމަށް ހޭދަކުރި އެ ޑްރޯންތަކުގެ އެއްވެސް ބޭނުމެއް ހިފާތަން ދިވެހި އެއްވެސް ރައްޔިތަކަށް އަދި މިހާތަނަށް ނުފެންނަކަމަށާއި އަދި އެ 35 މިލިއަން ޑޮލަރަކީ އެތަށް ސަތޭކަބައެއް ގެ ބޯހިޔާވަހިކަން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ސަރުކާރުގައި އަގުބޮޑުވެގެން އުޅޭކަށް ނުޖެހުނު. މިއަދު ފެންބިލް، ކަރަންޓް ބިލް އިންތިހާއަށް އަގުބޮޑު، އަދި އެކްސްޗޭންޖް ރޭޓް މިވަނީ 20 އަށް އަރުވާލާފަ. އަދިވެސް އަރާނެކަމަށް ފެންނަނީ. މި ބޭފުޅުންގެ ނެތޭ އިގްތިސާދީ އެއްވެސް ޕްލޭނެއް. ހަމަވިސްނުންވެސް ނެތީ. އަޅުގަނޑުމެންގެ ސަރުކާރުން ނެތޭ ނުދެއްކޭވަރުގެ ލޯނެއް ނަގާފައެއް. ނުދެއްކޭވަރުގެ ލޯނެއް ނަގާފަ އޮތްނަމަ ޓްރާންޒިޝަން ޕީރިއަޑްގައި އެބޭފުޅުންނަށް އަޅުގަނޑުމެންގެ ބަޖެޓާ، ނަގާފަހުރި އެއްޗެއް ފެންނާނެ.“ އާޒިމް ވިދާޅުވިއެވެ.
އިތުރަށް އާޒިމް ވިދާޅުވީ މި ސަރުކާރަށް އެއްކަމެއްވެސް ނުވާ ކަމަށާއި އަދި ކުރިއަށް އޮތް އަހަރުކުގައި ވެސް ނުވާނެ ކަމަށެވެ.
އާޒިމް ވަނީ މި ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވަން ނިންމި ނިންމުމާއި ގުޅިގެންވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން އާޒިމް ވިދާޅުވީ މި ސަރުކާރަށް ގާބުރިއެއްވެސް ބާއްވާ ނުލެވިގެން އުޅޭއިރު ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާލި ކަމަށެވެ.
އެހެންކަމުން އެހެން މީހުން ކޮށްފައިވާ މަސައްކަތްތަކުގެ ކްރެޑިޓް ނަގައިގެން އުޅެން މި ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

































