މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވައިފި އެވެ.
މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި، ހަނދާނީ ލިޔުމެކެވެ.
މި އަހަރުގެ ޚާއްޞަ އިނާމު 40 ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކެވެ.
އެގޮތުން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 2 ބޭފުޅަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 38 ބޭފުޅަކު ހިމެނެ އެވެ.
ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 2 ބޭފުޅުންނަކީ ޑރ. ޢާއިޝަތު ޝިނާ، އާއި ޑރ. ޚަދީޖާ ރަޝީދު އެވެ.
މި ޖަލްސާގައި ވަނީ ރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނޢޢވ)، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވާފަ އެވެ.

































