ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގެ އަމާޒަކީ ބޭރުކުރާ މަހުގެ 90 އިންސައްތަ އަގުއެއްކުރެވިފައިވާ ބާވަތްތަކަށް ހެދުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާއާއި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތުން އެންމެ ފުރިހަމަ ނަފާ ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސްވެރިން ބާނާ މަސް ރައްކާކުރުމާއި އެ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމުގެ ކެޕެސިޓީ ނެތުންކަމަށާއި މިކަމުގެ ސަބަބުން މަހަށް އަގު އެއްކުރުމަށް ނުވަތަ އެކި ގޮތްގޮތަށް ބަންދުކޮށްގެން އާމްދަނީ އިތުރުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައިކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި އަގު އެއްކޮށްގެން ބޭރުކުރަންކަމަށެވެ. އެ މަޤްޞަދު ހާސިލްކުރުމަށްޓަކައި ދިވެހިރާއްޖޭގެ 3 ސަރަހައްދެއްގައި ޕްރޮސެސިން އަދި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވެލިއު އެޑްކޮށްގެން ބޭރުކުރެވޭ މަހުގެ އަދަދު އިތުރުކުރެވުމުން އާމްދަނީވެސް 2 ގުނަ އިތުރުވެގެންދާނެކަމަށާއި އަދި މަސް ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގައި ބާނާ 90 އިންސައްތަ މަސް ބޭރުކުރެވޭނީ ވެލިއު އެޑްކޮށްގެންކަމަށް ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި މަސްވެރިކަމާއިކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރާ އެއް މަސައްކަތަކީ މި 5 އަހަރުގެ ތެރޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނަށް އިތުރުކުރުމާއެކު މަސް ޕްރޮސެސްކުރާނެ އިތުރު ކާރުޚާނާތައް އެޅުމެވެ.

































