ޔާނާތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
އާސިފްގެ މައްޗަށް ތުހުމަތު ކުރެވުނީ ޕްރިޒަންސް ކްލަބުގެ ފައިސާތަކެއް އަމިއްލަ އެކައުންޓްތަކަކަށް ޖަމާކުރި މައްސަލައެކެވެ. އެގޮތުން ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000ރ.އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލައާ ގުޅިގެން އާސިފް ވަނީ އިއްޔެ އިން ފެށިގެން މަގާމުން ވަގުތީ ގޮތުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރިކަން އަންގާ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ވަނީ ކަރެކްޝަންސްގެ އެޗްއާރުގެ ހުއްދަ ނެތި މުހައްމަދު އާސިފް އެ ސާވިސްގެ އެއްވެސް އިމާރާތަކަށް ވަނުމަކީ މަނާ ކަމެއް ކަމަށް ބުނެފަ އެވެ.
ޕްރިޒަންސް ކްލަބުގެ ފައިސާތަކެއް ގެއްލުނު މައްސަލަ ކަރެކްޝަންސް އިން އަންނަނީ ބަލަމުންނެވެ.

































