ހިޔާ ޓަވަރުގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނީ އެކި ގޭންގުތަކަށް ނިސްބަތްވާ 12 މީހުންކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާފްލެޓުގެ 9ވަނަ ޓަވަރުގެ 20ވަނަ ފަންގިފާލާގެ އެޕާޓްމަންޓެއްގައި ރަހީނުކުރި މީހާ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. އޭނާ ސަލާމަތްކުރުމަށް އެ އެޕާޓްމަންޓްގެ ދޮރު ވައްޓާލުމަށްފަހު ފުލުހުން ވަންއިރު، އެމީހުން ތިބީ ރަހީނުކޮށްފައިވާ މީހާގެ ބޯ ބާލައި އިނގިލި ބުރިކޮށްލަން ތައްޔާރުވެގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރަހީނުކޮށްފައި ހުރީ ދިވެހި ޒުވާން ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.
މީހަކު ރަހީނުކޮށްގެން އުޅޭކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 19:40 ހާއިރުކަމަށް ފުލުހުން ބުނެއެވެ. އެމީހާ ރަހީނުކޮށްފައި ހުރި ތަނަށް ފުލުހުން ގޮސް އެޕާޓްމަންޓްގެ ދޮރު ވައްޓާލައި، އެތަނަށް ވަދެ އެމީހާ ފުލުހުގެ ހިމާޔަތަށް ގެނެސްފައިވެއެވެ. ފުލުހުން އެ އެޕާޓުމަންޓަށް ވަންއިރު އެތަނުގައި އިތުރު 12 މީހުން ތިބިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭރު އެތަނުގައި ތިބި 12 މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އަދި އެތަނުގައި ފެންނަން ހުރި ހެކިތައް ވެސް ތަޙުޤީގަށް ނަގާފައިވާކަމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ މައްސަލައިގެ ސީންއަށް ފުލުހުން ފިޔައީ އާންމު ފަރާތަކުން ގުޅާ އިންޓެލްއާ ޙިއްސާކުރި މަޢުލުމާތަކާއި ގުޅިގެންކަމަށެވެ. މަޢުލޫމާތު ލިބުނީ ހުޅުމާލެ ހިޔާގެ 9ވަނަ ފްލެޓްގެ 20 ވަނަ ފަންގިފިލާއަށް މީހަކު ރަހީނުކޮށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތުކަމަށް ދާއޫދު ވިދާޅުވިއެވެ. އެއާއެކު ފުލުހުންގެ އިންޓެލިޖެންސްއާއި ހުޅުމާލެ ފުލުހުން އެ އެޕަރަޓްމަންޓް ހޯދައި، އެތާނގެ ދޮރު ވައްޓާލުމަށްފަހު އެޕާޓްމަންޓަށް ވަދެ ކުރި މަސައްކަތުން، ރަހީނުކުރި މީހާއަށް މާބޮޑު ގެއްލުމެއް ކުރިމަތިނުވެ އެމީހާ ފުލުހުންގެ ޙިމާޔަތަށް ގެނެވުނުކަމަށް ދާއޫދު ވިދާޅުވިއެވެ.
އެތަނުގައި ދަގަނޑާއި ހަނޑަހަ ފަދަ ތަކެއްޗާއި، ގެއްލުންދިނުމަށް ބޭނުންކުރާ އެކި ބާވަތުގެ ތަކެތީގެ އިތުރުން އެތަނުން މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އެކި ޒާތުގެ ތަކެތިކަމަށް ބެލެވޭ ޒާތުގެ އެއްޗެހިވެސް ފެނިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިމައްސަލައާ ގުޅިގެން ފުލުހުން ދަނީ ބޮޑު ތަޙުޤީޤެއް ހިންގަމުންނެވެ.
މިހާދިސާގައި ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދިޔައިރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އެތަނަށް ވަޑައިގެން ފުލުހުންނަށްވަނީ ހިތްވަރުދެއްވާފައެވެ.

































