ފާހިޝް އަމަލުތައް ހިންގާ 104 މަސާޖުޕާލާ މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައި މާލެ އިން ބަންދުކޮށްފައިވާ ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ ހިލާޔާއި މަޝްވަރާ ލިބިގެން، ރާއްޖޭގައި ހުރި ނުބައި އެތައް އާދައަކަށް މަގުފަހިވާ ކަންކަން ހުއްޓުވުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ އަތޮޅުތަކާއި ވެރިރަށް މާލޭގައި ވެސް ހުއްދަ ނުނަގައި މަސާޖުޕާލާތައް ހިންގާ ކަމަށެވެ.
އެ ތަންތަން ބަންދު ކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު، އެއްވެސް ނަތީޖާއެއް ފެނިފައި ނުވާ ކަން ފާހަގަ ކުރައްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ މިދިޔަ މަސް ދުވަސް ތެރޭގައި މާލެ އިން 104 މަސާޖުޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައިި، ފާހިޝް އަމަލުތައް ހިންގާތީ ބަންދުކުރަންޖެހޭ 200 އަށް ވުރެ ގިނަ މަސާޖުޕާލާ މާލޭގައި އެބަހުއްޓެވެ. އެހެންވެ، އެ މަނިކުފާނު އެދިވަޑައިގަތީ އެ ތަންތަން ހިންގާ މީހުން ވެސް އަވަހަށް އެ މަސައްކަތް ހުއްޓާލާށެވެ. އެގޮތުން ޓޫރިސްޓު ވިސާގައި ގެނެސްފައި ތިބި މީހުން ވެސް އަނބުރާ އެ މީހުންގެ ގައުމުތަކަށް ފޮނުވާލައި މަސާޖުޕާލާތައް އަމިއްލަ އަށް ބަންދުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

































