ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގިނަ އަހަރުތަކެއްވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ.
މައިމޫނާއަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް މުހިއްމު ޚިދުމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ޢައްޔަންކުރެއްވުމަށްފަހު ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައިވަނީ އާންމު ސިއްޙަތުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.
އެގޮތުން މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މުޅި ދުނިޔެއަށް ކުރިމަތިވީ އާލަމީ ވަބާކަމުގައިވާ ކޯވިޑް-19ގެ ދުވަސްވަރުގައެވެ. ކޯވިޑުން ސަލާމްތް ވުމަށް ނިންމެވި ނިންމެވުންތަކާއި އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ހައްލެއްގެނައުމަށް ސައްޙަ މަޢުލޫމާތު ގެނެސްދެއްވުމުގައި ފާހަގަކޮށްލެވޭ ދައުރެއްވަނީ އަދާކުރައްވާފައެވެ. ކޮވިޑް ދުވަސްވަރު އެޅުއްވި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ފާޑު ކިއުން އަމާޒު ކުރި ނަމަވެސް ބަލިން ރާއްޖެ ސަލާމަތްވުމަށް ކުރި މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވެސް ވަނީ ތައުރީފްކޮށްފައެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއިން 1990ވަނަ އަހަރު ޚިދުމަތަށް ނުކުންނެވުމަށްފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާވަނީ ދައުލަތަށް ސިއްޙީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފައެވެ.

































