ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތުން މިކަމަށް ގޮވާލާފައިވަނީ ރިސޯޓްތަކުގައި ވިއްކާ ”ތަކެތި“ މީހުން ދިރިއުޅޭ ރަށްރަށުން ނުލިބުމަކީ ބޭއިންސާފެއް ކަމަށް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ނަޝީދު ގޮވާލެއްވީ ރަލާއި އޫރުމަސް ހުއްދަކުރުމަށެވެ.
ނަޝީދުގެ އެ ވާހަކަތައް ކުށްވެރި ކުރަމުން އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ ބަނގުރަލާއި އޫރުމަހަކީ ކީރިތި ޤުރުއާނުގެ ޤަތުޢީ ދަލީލުތަކުން ނަހީކުރައްވާ ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ތަކެތި ކަމަށާއި ބަނގުރަލަކީ ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކަށް މަގުފަހިކޮށްދޭ ހުރިހާ ނުބައި ކަމެއްގެ އަސްލުކަން މިއަދުގެ ސައިންސާއި އިންސާނީ ހޯދުންތަކުން ވެސް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
ބަނގުރަލާއި އޫރުމަހަކީ މާތް الله ޙަރާމް ކުރައްވާފައިވާ އެއްޗެއް ކަމުން މުސްލިމުންނަށް އެއިން މަންފާ ޙާޞިލު ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ރިސޯޓްތަކުގައި ފަތުރުވެރިންނަށް ޒަމާނުއްސުރެ މިފަދަ ތަކެތި ވިއްކަމުން އައުމަކީ، އާންމު ރައްޔިތުން ދިރިއުޅޭ ރަށްރަށުގައި މިފަދަ މުންކަރާތްތައް ޢާއްމުކުރުމަށްވާ ޙުއްޖަތެއް ނޫން ކަމަށް އަދާލަތުން ބުންޏެވެ. އަދި މިފަދަ ތަކެތި ޢާއްމުކުރުމާއި ޢާއްމުކުރުމަށް ގޮވާލުމަކީ އިސްލަމީ ޝަރީޢަތުގައި ޙަރާމް ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
”އެހެންކަމުން، ރައީސް ނަޝީދު، މީހުން ދިރިއުޅޭ ރަށްރަށުގައި އެކަންކަން ކުރުމަށް ހިއްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކައަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ. އަދި ކިއެއް އެއީ އިސްލާމީ ޝަރީޢަތާއި، ދިވެހި ސަގާފަތާ ކަނޑައެޅިގެން ޚިލާފު ވާހަކަތަކެއް ކަމުގައި ވީހިނދު، އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށާއި އެކަމުން ތައުބާވެ ދިވެހިރައްޔިތުންގެ ކިބައިން މާޢާފަށް އެދުމަށް ވެސް ގޮވާލަމެވެ،“ އަދާލަތުގެ ބަޔާނުގައިވެ އެވެ.
އަދާލަތުން ވަނީ ރާއްޖޭގެ އިސްލާމީ ޢަޤީދާ އާއި ދިވެހިންގެ އިސްލާމީ ސަގާފަތް ރައްކާތެރިކުރުމަށް އެންމެހައި ދިވެހިން ގުޅިގެން މަސައްކަތްކުރުމަށް ވެސް ގޮވާލާފަ އެވެ.

































