މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރަން ނުޖެހޭ ކަމަށާއި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލާފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ލޯކަލް ޓޫރިޒަމްގައި ރަސްކަން ކުރަމުން އަންނަ ކ. މާފުށި ”ހާޓް އޮފް މޯލްޑިވްސް ”ގެ ނަމުން ބްރޭންޑް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިވަގުތު ހަމަޖެހިފައިވާ ގޮތުން، ރިސޯޓު ފަހަރުގައި ޓޫރިސްޓުންނަށް ދޭ ޚިދުމަތްތަކާއި ވިއްކާ ”ތަކެތި“ ބޮޑެތި ހޮޓާތަކުން ނުދެވުމަކީ ބޭއިންސާފެއް ކަމަށެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ނަޝީދު ގޮވާލެއްވީ ރަލާއި އޫރުމަސް ހުއްދަކުރުމަށެވެ.
އެކަމާ ގުޅިގެން ނަޝީދަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައްކާ ވާހަކަ ސާފުސާދާ ދިވެހި ބަހުން ދައްކާއިރު ވެސް ކަނޑައެޅިގެން އިދިފުށަށް ދޮގު މާނައާއި ތަރުޖަމާ އީޖާދުކޮށްގެން މީސްމީހުންނަށް ގެއްލުންދޭން އުޅުމަކީ ކަންބޮޑުވުން ހުރި ނުރައްކާތެރި ކަމެއް ކަމަށެވެ.
އަދި ރިސޯޓުތަކުގައި ލިބޭ، އެހެނަސް މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި އެއްޗަކީ ރަލާއި އޫރުމަސް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
”މީހުން ދިރިއުޅޭ ރަށްރަށުގައި ހުއްދަ ކުރާކަށް ނުޖެހޭ،“ ނަޝީދު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށެވެ. އަދި ބައެއް ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ބަނގުރަލުގެ ބާވަތްތައް ބޭލުމަކީ ދޭތެރެއަކުން ޖެހޭ މައްސަލައެއް ކަމަށާއި އެފަދަ ކަންކަމަށް ހައްލު ގެނައުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
”ލޯކަލް ޓޫރިޒަމްގައި، ލޯކަލް ރަށްރަށަކަކީ ޑްރައި ޓޫރިޒަމެއް. އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ،“ ތޯރިގު ވިދާޅުވި އެވެ.

































