އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް -އިސްމާއިލް ޒަރިޔަންދު ވާދަކުރަން ނިންމަވައިފި އެވެ.
އެކަން އިއުލާންކުރީ ޕީއެންއެފުން ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ”ރިސެޓް“ ގެ ނަމުގައި ބޭއްވި ޖަލްސާގަ އެވެ.
އޮޑިޓް އަދި އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޒަރިޔަންދަކީ ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަނެވެ.
ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ވާދަކުރައްވާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ނިކުންނަވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.
އިދިކޮޅު އެމްޑީޕީގެ މާލޭގެ މޭޔަރުގެ ޓިކެޓު ހޯއްދަވަން ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

































