ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު 70،000 އިން މައްޗަށް އަރާފައިވާ ކަމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް ވަރަށް ގިނަ މެންބަރުން އެ ޕާޓީއާ ގުޅިފައިވާ ކަމަށާއި މިވަގުތުވެސް ޕާޓީގެ މެންބަރުންގެ އަދަދު 70,000 އަށް އަރާފައިވާ ކަމަށެވެ. އަދި ޕްރައިމަރީއާ ދިމާކޮށް ގުޅުނު މެންބަރުންނާ އެކު ޖުމްލަ މެންބަރުންގެ އަދަދު 75،000 އަށް އަރާނެ ކަމަށް ފަލާހު ލަފާކުރެއްވި އެވެ.
ޕީއެންސީއަށް ގިނަ އަދަދަކަށް މެމްބަރުން ގުޅުމުން އެކަމުން ހާމަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ޤަބޫލުކުރެއްވުން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
މިއަހަރު ސިޔާސީ ޕާޓީތަކަށް ބަޖެޓުން ދޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބުނީ ވެސް ޕީއެންސީ އަށެވެ. އެއީ، 13.3 މިލިއަން ރުފިޔާ އެވެ.

































