މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުފައްދާ ”ޕޭމަންޓް މޯލްޑިވްސް“ އަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފި އެވެ.
ޕޭމަންޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަ ތަރައްގީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ އީޖާދީ ޕޭމަންޓް ހިދުމަތެކެވެ.
އެމްއެމްއޭއިން ކުރި އިއުލާނެއްގައި ވަނީ މި މަގާމަށް ކުރިމަތިލާ މީހުން ފައިނޭންސް، އިކޮނޮމިކްސް، އައިޓީ، ގާނޫނީ ދާއިރާ، ޕަބްލިކް ޕޮލިސީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފަދަ ކޮންމެ ވެސް އެއް ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްވަރުގެ ޑިގްރީއެއް ހާސިލުކޮށްފައިވާންޖެހެ އެވެ.
އަދި ޕޭމަންޓްސް، ފިންޓެކް، ބޭންކިން ނުވަތަ ރެގިއުލޭޓެޑް ފައިނޭންޝަލް ސާވިސްއެއްގެ ތެރެއިން ސީނިއާ ރޯލްތަކުގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާން ވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. އަދި، މަދުވެގެން ފަހެއް ނުވަތަ ހަތް ވަރަަކަށް އަހަރު ވަންދެން ކުންފުންޏެއްގެ މަތީ ފަންތީގެ މަގާމެއް (ސީއީއޯ، އެމްޑީ، ސީއޯއޯ، ސީއެފްއޯ) ފުރާފައިވުން ވެސް މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަގާމު ދިނުމުގައި މުސާރަ ކަނޑައަޅާނީ ކެންޑިޑޭޓުގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ރިއާޔަތް ކުރުމަށްފަހު އެވެ.
މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖެނުއަރީ 15 ވަނަ ދުވަހުގެ 15:00 އެވެ.

































