ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަ ކުރައްވާ ދެމެހެއްޓެވުމަށްޓަކާ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ތާއީދުކޮށް ކުރީގެ ރައީސް މައުމޫން ޝުކުރާއި ސާބަސް ދަންނަވައިފިއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކުރަން ރައީސް ގެންގުޅުއްވާ ސިޔާސަތަށް ތާއީދުކުރައްވާ ކަމަށެވެ.
”ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަ ކުރައްވާ ދެމެހެއްޓެވުމަށްޓަކާ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ތާއީދުކޮށް ޝުކުރާއި ސާބަސް ދަންނަވަން،“ މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތުން ރާއްޖެ އަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަމަށާއި އެކަމަށް ރައްޔިތުން އަބަދުވެސް ތިބެންވާނީ ހޭލާ ކަމަށެވެ.
ނަސްރުގެ ދުވަހު ރާއްޖެ އަށް ލިބުނު ނަސްރަކީ މާތްﷲ ގެ ހަޒްރަތުން ލިބުނު ނަސްރެއްކަން ދިވެހިން ގަބޫލުކުރަންޖެހޭނެ ކަމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ވެސް އީމާންތެރިކަން ވަރުގަދަކުރަންޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާ އިން ލިބިދޭ އެއް ފިލާވަޅަކީ ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާފަދަ އަޒުމެއްގައި ހިފެހެއްޓުމުގެ މުހިއްމުކަން ކަމަށާއި ސިޔާސީ ޕާޓީތައް އުފެދި ހިނގަމުންދިޔަ ނަމަވެސް ގައުމީ ވަހުދަތަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ގައުމީ އުސޫލުތަކަކީ އަބަދުވެސް ސިޔާސީ ކަންކަމަށް ވުރެ އިސްކަންދޭންޖެހޭނެ އުސޫލުތަކެއް ކަމަށާއި ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގަމުންދިޔައިރު ވެސް ފެނިގެން ގޮސްފައިވަނީ ދިވެހިންގެ ވަރުގަދަ އެއްބައިވަންތަކަމުގެ މަންޒަރުތައް ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ސަރުކާރާއި މެދު ހިތްހަމަނުޖެހިފައި ބަޔަކު ތިބި ނަމަވެސް އެ ދުވަހު އެންމެން ވެސް ތިބީ ސަރުކާރާއެކު ކަމަށްވެސް ވިދާޅުވި އެވެ.

































