ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވި އަބްތޯލުންގެ ހަނދާންތައް އައު ކުރުމަށް ކޮންމެ އަހަރަކުވެސް ފާހަގަކުރާ ނަޞްރުގެ ދުވަސް މިހާރަށް ވުރެ ކުލަގަދަކޮށް ފާހަގަކުރަން ޖެހޭކަމަށް އެމްއެންޕީގެ ރައީސް އަދި މާފަންދު އުތުރުދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔަޑް މުޙަމައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހު ”އެންޓީވީ“ އިން ނަޞްރުގެ ދުވަހާއި ގުޅުވައިގެން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައެވެ.
އެންޓީވީން ގެނެސްދިން ނަޞްރުގެ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި އޮތުމަކީ އެންމެ ރަނގަޅުގޮތެއް ނޫންކަމަށެވެ. ނާޒިމް ވިދާޅުވީ އެހެން ޤައުމުތަކުގައި ނަޞްރުގެ ދުވަސް ފާހަގަކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ ދުވަސް އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ނުވާކަމަށެވެ.
ނަޞްރުގެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި އެދުވަހު ހަމައެކަނި ސިފައިންނާއި ސަރުކާރުގެ އިސްފަރާތްތައް ފަތިސް ނަމާދަށް ފަހުގައި މޮނިއުމެންޓް ކައިރީގައި ދިދަ ނަގާ ކަންކަން ކުރެވުނީމަ އެއީ ހަޤީޤަތަށް ބަލާނަމަ ނަޞްރުގެ ދުވަސް ފާހަގަކުރެވެނީ ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.
”ނަޞްރުގެ ދުވަސް މިހާރަށްވުރެ ކުލަގަދަކޮށް ފާހަގަކުރަން އެބަޖެހޭ. މިހާރު މި އޮންނަގޮތަކީ ނަޞްރުގެ ދުވަސް ފާހަގަކުރަން އެދުވަހަކީ ބަންދު ދުވަހެއްކަމަށް ހަމަޖައްސާ އެދުވަހު ހަމަ އެކަނި ސިފައިންނާ ސަރުކާރުގެ އިސްފަރާތްތައް ފަތިސް ނަމާދަށް ފަހު މޮނިއުމެންޓް ކައިރީގަ ދިދަ ނާގާލީމަ އެ ނިމުނީ. ހަގީގަތަކީ އެއީ އެއް ނޫން ނަޞްރުގެ ދުވަސް ފާހަގަކުރަން ޖެހޭ ގޮތަކީ.“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ނަޞްރުގެ ދުވަހަކީ މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް އެކަމުގެ މަޢުލޫމާތު ވަރަށް ރަނގަޅަށް ފޯރުކޮށްދޭން ޖެހޭ މުހިއްމު ދުވަހެއް ކަމަށެވެ.
އެގޮތުން އެ ދުވަހު ސަރުކާރު ބަންދު ކުރުމުގެ ބަދަލުގައި، ސަރުކާރު ހުޅުވޭ ދުވަހެއްގެ ގޮތުގައި ހަދައި، ސްކޫލުތަކުގެ ދަރިވަރުންނަށް އެދުވަހުގެ ހެނދުނު ޚާއްސަ އެސެބްލީއެއް ބާއްވައި ނަޞްރުގެ ދުވަހުގެ މުހިންމުކަން އެކުދިންނަށް ކިޔައިދިނުމަކީ ވަރަށް ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

































