ރާއްޖޭގެ މީޑިއާތަކާއި ގުޅިގެ ޕީއެސްއެމުން މިހާރު ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންއަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން 300،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
އެ ފައިސާގެ ޗެކް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދާ ހަވާލުކޮށްދެެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސް ނަގައިގެން ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ ހެނދުނު 9:00 ގަ އެވެ. އަދި މެންދަމު 1:00 އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދާނެ އެވެ.
”ސިލޯންއާ އެކު ދިވެހީން“ ޓެލެތޯންގައި ޕީއެސްއެެމާ އެކު 37 މީޑިއާއަކުން ބައިިވެރިވެ އެވެ.
މި ޗެކް ހަވާލުކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސްރީ ލަަންކާ އާއި ރާއްޖެ އަކީ ވަރަށް ގާތް އެއްބަނޑު އެއްބަފާ ގުޅުމެއް ޒަމާނުއްސުރެ އުފެދިފައި އޮތް ދެ ގައުމު ކަމަށާއި ލަންކާއަށް މިފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމާއި އެކީގައި އެންމެ ފުރަތަމަ އިސްކަމެއް ނެގި ގައުމެއްގެ ގޮތުގައި ފާހަގަވަނީ ރާއްޖެ ކަމަށެވެ. އޭގެއިން ދޭހަވަނީ އަވަށްޓެރި ގައުމުތަކާއި އެކީގައި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ކަމަށް ވިދާޅުވި އެވެ.
މި ޓެލެތޯންގައި ބައިވެރިވެ، ފައިސާގެ އެހީ ދިނުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށާއި ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވެ އެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއިނަގުދު ފައިސާ، ޓްރާންސްފަ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ދެވޭނެ އެވެ.
ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ޚާއްސަ އެކައުންޓްތަކެއް ވެސް ހަދާފައިވެ އެވެ.
ތޫފާން ’ޑިޓްވާ‘ ގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ލަންކާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިހާތަނަށް 160 އެއްހާ މީހުން މަރުވެފައިވެ އެވެ.
އެ ގައުމަށް އެހީވާން ޓެލެތޯނެއް ފެށި އިރު، ލަންކާ އަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ސަރުކާރުން ވެސް ނިންމާފައިވެ އެވެ.

































