ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ކުށްވެރިކޮށް ރާއްޖޭގައި އެތައް ހާސް ބަޔަކު ނުކުމެ މިއަދު އަޑު އުފުލައިފި އެވެ.
މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި ”ގައުމީ ބޮޑު ހަރަކާތް“ ގެ ނަމުގައި ބޭއްވި އެއްވުން އިންތިޒާމުކޮށްފައި ވަނީ އިންޓަރ ނެޝަންލް އެއިޑް ކެމްޕެއިން އިސްނަގައިގެންނެވެ. މިއެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލި އެވެ.
މި އެއްވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އެހެން މިނިސްޓަރުންނާއި ސިޔާސީ އެކި ފިކުރުގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ޖަމާވި އެވެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ، އެ ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ، އިޒްރޭލުން ފަލަސްތީނު ހިސާރު ކުރުން ނައްތާލުމަށް އަޑު އުފުލައި ސަރުކާރުތަކަށް ބާރު އެޅުން ކަމަށެވެ.
އެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، މިއީ ފަލަސްތީނަށްޓަކައި އެ ގައުމުގެ ރައްޔިތުންނާއި ގާޒާއަށްޓަކައި ބޭއްވި އެއްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ގާޒާފައި އޮތް ހިސާރު މިހާރުން މިހާރަށް ނައްތާލަން ޖެހޭ ކަމަށެވެ. ޝަހީމް ވިދާޅުވީ، ކުޑަކުދިންނާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތަކުން އެ ސަރަހައްދަށް ވަދެވޭނެ ގޮތްތައް ފަހިކޮށްދޭން ގޮވާލާ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަމުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް ސާބިތުކޮށް ތިބެންޖެހޭ ކަމަށާއި ފަލަސްތީނުގައި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްވެއްޖެއުމަށް ދާންދެން ސާބިތުވެ ތިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު މާލޭގައި ވޭއްވި މިބޮޑު އެއްވުން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

































