ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި ދުޅަހެޔޮ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީތަރައްޤީ އާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމަކީ، ކޮންމެ ބުދަ ދުވަހަކު އިސްރަށްވެހިންނަށް ޚާއްސަ ކުރެވިގެން ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވޭ ކަސްރަތު ޕްރޮގްރާމެކެވެ.
ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 21 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ދޮށީ ޢުމުރުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.

































