ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދޭން ނިންމައި ކަމާ ގުޅޭ ދިރާސާއެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސްގެ ރަސްމީ ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައިވަނީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި ކަން ޕޯސްޓުގައި ހިއްސާކޮށްފައިވެއެވެ.
ރައީސް ގެ ޙާއްޞަ އިސްނެގުމާއި އެކު ޒުވާންޖީލު ދުންފަތާ ދުރުހެލިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން ދުންދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އުފަންވި އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް އިސްތިއުމާލުކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް އެ ތާރީހުގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ މީހުންނަށާއި އުމުރުން 21 އަހަރު ނުވާ މީހުންނަށް ވިއްކުން މަނާކޮށް، ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް އެ އުމުރުފުރައިގެ މީހުން ބައިވެރިކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން ވަނީ މަނާކޮށްފަ އެވެ.
ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަކުރުން މަނާކޮށް، ސަރުކާރުން ދަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާސިލުވެވޭނެ މަގުތައް ހަނިކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.
ދުންފަތް ކޮންޓަރޯލް ކުރުމުގައި ރާއްޖޭގެ ތާރީޚު ދުށް އެންމެ ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުއްވި ރައީސް އަކަށް ޑރ. މުހައްމަދު މުއިއްޒު ހިމެނިގެންދާނެއެވެ. އަދި ދުންތަފާމެދު ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ގިނަ ރައްޔިތުން އަންނަނީ ތައުރިފުކުރަމުންނެވެ.

































