ކައުންސިލްތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތެއް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހޯމަ ދުވަހު ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ޝުޖާއު ހުށައެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހިނގައިދިޔަ 15 އަހަރުގެ ތެރޭގައި ޖުމްލަ 15 ފަހަރަށް އިސްލާހު ކުރެވިފައިވާއިރު އަދި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނު 2020 ގެ ނަމުގައި ގާނޫނެއް 19 ވަނަ މަޖިލީހުން 2020 ވަނަ އަހަރު އެކުލަވާލައި އެ ގާނޫނަށް ވެސް ހަމަ އެ އަހަރު އަލުން އިސްލާހު ގެނެސްފައިވާ ކަމަށެވެ.
ފާއިތުވި 15 އަހަރު ލޯކަލް ކައުންސިލްގެ ހަތަރު އިންތިހާބެއް ބޭއްވި އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ ރަށްތަކުގެ ތަރައްގީއަށް އައި ބަދަލެއް ވެސް ފެންނަން ނެތްކަމަށް ކަމަށް ވިދާޅުވެއެވެ.
މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރީން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރީންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ބަދަލުވެގެން ގޮސްފައި އޮތުން ކަމަށާއި އިދިކޮޅު ޕާޓީއިން ނެރޭ ކެންޑިޑޭޓުން ގިނަ ފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އާންމުވެފައި އޮންނައިރު ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ސީދާ ގޮތެއްގައި ހުރަސްއަޅާފައި އެބަހުރިކަން ގަރާރުގައި ޝުޖާއު ވިދާޅުވެފައި ވެއެވެ.
މެމްބަރ ސުޖާޢު ހުށައެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ މިހާތަނަށް ކުރެވުނު ދިރާސާތަކުން ވެސް، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިރަލުންގެ އަދަދާމެދުގައި ކަމަށާއި ކުދިކުދި ރަށްތަކުގައި ވެސް ފަސް ކައުންސިލަރުން ތިބެންޖެހުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އިސްލާހުތައް ބެނުންވާ ކަންކަންކަމުގައި ވިދާޅުވެފައިވެއެވެ.

































