ރަނގަޅު އާއިލާއެއް ބިނާކުރާނެ ގޮތާއި ގަނާކުރުންފަދަ ނޭދެވޭ ކަންކަމުން ދަރިން ރައްކާތެރިކުރާނެ ގޮތްތަކުގެ މަޢުލޫމާތު ސެޝަނެއް އއ. މަތިވެރި ސްކޫލުގެ ބެލެނިވެރިންނަށް ކްރައިމް ޕްރިވެންޝަނާއި މަތިވެރި ޕޮލިސް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.
މިގޮތުން ބެލެނިވެރިކަމުގެ ހުނަރުތަކާއި ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކުގެ މަޢުލޫމާތު ސެޝަންގެ ތެރޭގައި ދެވިފަވެއެވެ.
މި ސެޝަންގައި، ބެލެނިވެރިކަމުގެ ދައުރާއި، ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިގައި ހުންނާނެ ރިވެތި ސިފަތަކާ ގުޅޭގޮތުން މައުލޫމާތު ޙިއްޞާކޮށްފަވާއިރު ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެލެނިވެރިންގެ ފަރާތުން ދަރިންނަށް އަބަދުވެސް ރިވެތި ނަމޫނާ ދެއްކޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އަދި ރަނގަޅު އާއިލާއެއް ބިނާކުރާނެ ގޮތާއި ގަނާކުރުންފަދަ ނޭދެވޭ ކަންކަމުން ދަރިން ރައްކާތެރިކުރާނެ ގޮތްތަކުގެ މަޢުލޫމާތު ވެސް މި ސެޝަނުގެ ތެރެއިން ޙިއްޞާކޮށްފައިވެއެވެ.
ދަރީންގެ ފަރާތުން ރަނގަޅު ކަންކަމަށް އުއްމީދުކުރާއިރު ބެލެނިވެރިޔާއަކީ ވެސް އެ ދަރީން އުންމީދު ކުރާފަދަ ބެލެނިވެރިއަކަށް ވުމަށް މަސައްކަތްކުރުމަށާއި އެފަދައިން ކަންތައްތައް ކުރުމުން ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށް ފަސޭހަވެގެންދާނެ ކަމާ އަދި ބެލެނިވެރިން ވިސްނުން ގެންގުޅެންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ހަމަ އެހެންމެ ގޭތެރޭގައި އުޅޭއިރު ދަރިންނާ ރަނގަޅު ގުޅުމެއް އުފެއްދިދާނެ ގޮތްތަކާއި ދަރިންކުރާ ރަނގަޅު ކަންކަމުގައި އެއްބާރުލުންދީ އެކަންކަން ފާހަގަކޮށް ދަރިންނަށް ހިތްވަރުދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ބެލެނިވެރިންނަށް ދީފަވާއިރު ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާ ގޮތްތަކާއި ދަރީން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ހާއްސަ ސަމާލުކަންދީގެން ދަރީންގެ ޙަރަކާތްތަކަށް ރަނގަޅަށް ފާރަވެރިވުމަށް ވެސް މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ.
އެގޮތުން، ދަރީން ގެންގުޅޭ އިލެކްޓްރޯނިކްސް ވަސީލަތްތައް މޮނީޓަރކުރުމަށާއި އެ ތަކެތީގެ ފުރިހަމަ ކޮންޓްރޯލު ބެލެނިވެރިންގެ އަތުގައި ބޭއްވުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.

































