ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތާއި އަޅުއްވާ ފިޔަވަޅުތަކަށް އަދި ޒުވާން ޖީލު ދުނަފަތުން ރައްކާތެރިކުރުމަށް އަޅުއްވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވި އައު ރެޕްރެޒެންޓޭޓިވް، ޕޭޑެން ތަޢުރީފުކުރައްވައިފިއެވެ.
ސިއްހީ ވުޒާރާގާއި ބޭއްވި މި ބައްދަލުވުމުގައި، ޕޭޑެން ވަނީ ރައީސް ޑރ. މުއިއްޒު ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅުއްވާ ފިޔަވަޅުތަކަށާއި، ހާއްސަކޮށް ޒުވާން ޖީލު ދުންފަތުން ރައްކާތެރިކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައެވެ.
އަންގާރަދުވަހު ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެކަމަނާވަނީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އާއި ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އާއްމު ސިއްހަތުގެ ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ސިއްހީ ނިޒާމު ހަރުދަނާކުރުމާއި، އާއްމު ޞިއްހަތު ރައްކާތެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ޑަބްލިޔުއެޗްއޯއިން ދެއްވާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ދެއްވާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.
ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ޞިއްހީ ދާއިރާ ކުރިއެރުވުމުގައި ރާއްޖެއިން އިސްކަންދޭ ކަންކަން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ރާއްޖޭގަައި ދުންފަތުގެ އިސްތިއުމާލުކުރުން ހުުއްޓުވުމަށް ރައީސް އެޅުއްވި އިތުރު ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި މިހާރު ރާއްޖޭގައި ޥޭޕް ބޭނުން ކުރުން މަނާކޮށް ވޭޕް އަދި ވޭޕުގެ ސާމާނު ވިއްކާ ފަރާތްތައް ބޮޑު އަދަދުން ޖޫރިމަނާ ކުރުން ހިމެނެއެވެ. ހަމައެއާއެކު 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ގޮތަށް ސަރުކާރުން މިހާރު ބިލެއް ހުށަހަޅައި، އެ ބިލް މަޖިލީހުގައި ދަނީ ހިނގަމުންނެވެ.
އަދި ރާއްޖޭގައި ސިނގިރޭޓު ވިއްކާ ފަރާތްތަކުން ހުއްދައަށް ނަގަން ޖެހޭ ގޮތަށް ހެދުމާއި ކުޑަކުދިންނަށް ސިނގިރޭޓު ނުވިއްކޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

































