ރައީސް ޑރ މުޙަންމަދު މުއިއްޒު ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ހާމަކުރައްވައިފައެވެ. މިކަން ހާމަ ކުރައްވާފައި ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައެވެ. އެމަނިކުފާނު ވިދާޅުވީ މި އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިތުރު 30 ބިލެއް ފޮނުވާނެ ކަމަށެވެ.
މީގެތެރޭގައި ހިމެނެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުން، ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް އެ އިންތިހާބުގެ ދެ ވަނަ ބުރު ނުބާއްވާ ގޮތަށް ހެދުން، ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުމެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހެދުމަކީ ރައީސް ބޭނުންފުޅުވާ ކަމެކެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޭނުމަކީ މަޖިލިހުގައި މިހާރު ތިއްބެވި މެމްބަރުންގެ އަދަދު ހިފަހައްޓައި ”ފްރީޒް“ ކުރުމެވެ.
އެހެން ބަދަލުތަކުގެ ތެރޭގައި އިންތިހާބީ މަގާމުތަކުގައި ތިބޭ އެންމެން ރިކޯލް ވޯޓަކުން ވަކި ކުރެވޭނެ ނިޒާމެއް ހެދުން ހިމެނެއެވެ.
ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ އިސްލާހުތައް ވެސް ފާހަގަކުރެއްވިއެވެ. މި އިސްލާހުތަކުގެ ދަށުން އާބާދީ 2،000 އަށްވުރެ މަދު ރަށްރަށުގައި ތިން ކައުންސިލަރުން، އަދި 2،000 އަށްވުރެ ގިނަ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އަދަދުވެސް މިގޮތަށް ކަނޑައެޅޭނެއެވެ.
ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވާނީ ސީދާ ވޯޓަކުންނެވެ. ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރު ނުވާނެއެވެ. ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރެވޭނެއެވެ.
”ނިޒާމު ބޮޑުވީމަ އަޅުގަނޑުމެންނަށް މި ފެންނަނީ، މިހާރު މިސާލަކަށް ރަށެއްގެ ނަން ނުކީއެއް ކަމަކު ސްކޫލެއް ނެތް ރަށެއް، ވިއްސަކަށް މީހުން ދިރިއުޅޭ ރަށެއް، ފަސް ކައުންސިލަރުން އެބަތިބި،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބްލޮކް ގްރާންޓް ބޭނުންކުރަނީ ކައުންސިލްތަކުގެ މައްޗަށް ގާނޫނުން ލާޒިމްކުރާ ޒިންމާތައް އަދާކުރުމަށްކަން ކަށަވަރުކުރުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިދޭ މާއްދާއެއް ގާނޫނަށް އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށްޓަކައި، އަންނަ ނންނަ ނޮވެމްބަރު މަހުން ފެށިގެން ޓޫރިޒަމުން ނަގާ ޓެކްސް (ޓީޖީއެސްޓީ)ގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރުމުގެ ނިޒާމަށް އަމަލުކުރަން ފަށާނެކަންވެސް ރައީސް ހާމަކުރެއްވިއެވެ.

































