ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ހަމަޖައްސަވައިފިއެވެ.
ނަވީން މި މަޤާމަށް ހަމަޖެއްސެވީ ޝުޖާއު އެ މަޤާމުން ހޮނިހިރުދުވަހުގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅުއްވިތާ ގަޑިއިރެއް ފަހުންނެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ފުރަތަމަ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ އިރުކޮޅެއްފަހުން ވަޒީރު ޢަލީ އިޙްސާން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުޤީގުގެ މަސައްކަތްކަމަށްވެފައި މިތަހުޤީގެ ކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށްވާތީވެ ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ނަވީން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ސީޕީ ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވިއިރު، މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނުގެ ވެއްޓުނު ހާދިސާއާއި ގުޅިގެން ޝުޖާޢުއަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުންގެ ތަޙުޤީގާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޒުވާނުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި މި މުޒާހަރައިގެ ބައިވެރިންވަނީ ޝުޖާގެ އިސްތިއުފާއަށް ގޮވާލާފަކަން ފާހަގަކުރެވެއެވެ.

































