ކަންކަމާ ޒިންމާ ނަގަން ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވީ އަބަދުވެސް އިސްކަން ދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބަށްކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް, ރައީސް ނަޝީދުގެ ޕޯސްޓްގައި ވަނީ މަރުޙަބާ ދަންނަވާފައެވެ.
މިފަދަ ޕޯސްޓެއް ރައީސް ނަޝީދު ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމުން އަލީ ޝުޖާއު ހޮނިހިރު ދުވަހުގެރޭ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝުޖާއު އިސްތިއުފާ ދެއްވީ މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ތަހުޤީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅުއްވާފަވެއެވެ. އެހެނަސް އޭގެ ގަޑިއިރެއްގެ ފަހުން އެނިންމުމަށް ބަދަލު ގެންނަވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީން ވަނީ ކަނޑައަޅުއްވާފައެވެ.

































