ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ގެ މަގާމުން އިސްތިއުފާ ދެއްވަން ޝުޖާއު ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދެއްވުމަށް ނިންމެވުމަށްފަހު އެކަން މިހާރުވަނީ ރައީސް ޑރ. މުޢިއްޒަށް އަންގަވާފައެވެ.
އަދި ފުލުހުންގެ އިސްވެރިންނަށް ވެސް އެކަން ޝުޖާއު އަންގަވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުޤީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ސީޕީ ޝުޖާއު އިސްތިޢުފާ ދެއްވަން ނިންމަވާފައި މިވަނީ މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުޤީގުގައި އޮޅުވާލުންތަކެއް ހުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް އެކި ފަރާތްތަކުން ކުރަމުން ދަނިކޮށެވެ.
އަދި ވެއްޓުނު އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް މިހާރު ޒުވާނުން ކުރާ މުޒާހަރާތަކުގައިވެސް ސީޕީ ޝުޖާއުގެ އިސްތިއުފާއަށް ދަނީ ގޮވަމުންކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ހުކުރު ދުވަހުގެރޭވެސް ވަނީ ޒުވާނުން އެއްވެ މާލޭގެ މަގުތަކުގައި ސީޕީ ޝުޖާއުގެ އިތުރުން ޓްރާންސްޕޯރޓް މިނިސްޓަރ އަމީން އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިޢުފާއަށް ގޮވާފަކަން ފާހަގަކުރެވެއެވެ.

































