މާލޭގެ އުސް އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެމައްސަލަައިގައި މަޤާމުން އިސްތިޢުފާ ނުދެއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ އިން ހައްވާ ޔުމްނު ރަޝީދު، ވެއްޓުނު މައްސަލާގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، ސީޕީ ޝުޖާއު އަދި ހޯމް މިނިސްޓަރު އިހުސާންގެ އިސްތިއުފާއަށް ގޮވާލައި ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ޔުމްނު ވެއްޓުނު މައްސަަލައިގައި އޭނާއާ އެކުގައި ހާދިސާ ހިނގިރޭ އުޅުނު މީހުންގެ ތެރޭގައި މިނިސްޓަރު އަމީންއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ހިމެނެއެވެ . ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި އެ ރޭ، އެ މީހުން ފުރަތަމަ ޕާޓީކުރީ މިނިސްޓަރު އަމީންގެ އާއިލީ ގެ ކަމަށްވާ، ގ. މާންދޫގޭ ދެކުނުބައިގައެވެ. އެމައްސަލަައިގެ ތަހުޤީޤަށް އެ ގެ ވެސް މީގެކުރިން ވަނީ ބަލައި ފާސްކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައިވިދާޅުވީ އެކަމުގައި އޭނާގެ ބައިވެެެރިވުމެއް ނޯންނާނެ ކަމަށެވެ. އެގޮތުން ޔުމްނު ވެއްޓުނު މައްސަލަ އާއި އަދި އެކަމާ ގުޅުން ހުރި ކަމަށް ބެލެވޭ އެހެން ކަމަކާ ވެސް އޭނާއާ ގުޅުމެއް އޮތް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. ވަޒީރު އަމީން ވިދާޅުވީ އެމައްސަލަ އާއި ގުޅިގެން އޭނާގެ އިސްތިއުފާ އަށް ގޮވާލި ނަމަވެސް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
”ނުވެސް ވިސްނަން ތިކަމަކާ ދޭތެރޭގައެއް. ދެއާ އިސް ނޮން އޮފް މައި އިންވޯލްމަންޓު.“ މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ހެންވޭރު ގެއެއްގެ މަތިން އަންހެނަކު ވެއްޓުނު ޙާދިޞާއާއި ގުޅިގެން ފުލުހުން ހިންގާ ތަހުޤީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިމަހުގެ 24 ވަނަ ދުވަހު އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައިވެސް ވިދާޅުވެފަވެއެވެ. މި ޙާދިޞާއާއި ގުޅިގެން މިނިސްޓަރު އަމީންގެ މައްޗަށް ތުހުމަތުތަކެއް ކުރެވެމުންދާތީ، އެކަމަށް ރައްދު ދެއްވަމުން ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އަމީން ވަނީ އެ ޙާދިޞާގައި އަނިޔާވި އަންހެން މީހާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފަކަންފާހަގަކޮށްލެވެއެވެ. އެއަށްފަހު އެކަމުގައި ޖުމުލަ 6 ކަމެއް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށްވެސް އޭރުވެސް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

































