މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުމާއި ގުޅިގެން، މައްސަލައިގެ ތަޙުޤީޤަށް ނުވަ މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.
މި މައްސަލައިގެ ތަހުޤީގު ކުރިއަށްދާއިރު، ފުލުހުން ވިދާޅުވީ އޭޕްރިލް 18 ވަނަ ދުވަހު ގެއްއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
”2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އެއީ ޖުމުލަ 9 މީހެއްގެ ފޯނު.“ ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅުންހުރި އެންމެންގެ ވަނަވަރު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އާއްމުކޮށްފައިވާއިރު އެ މީހުންގެ ޕާސްޕޯޓް ހިފަަހައްޓާ ފުރުން ވެސް ވަނީ މަނާކޮށްފައެވެ. މި ޙާދިޞާގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިހަހައްޓާފައިވާއިރު މިތަނުން އެކަކު ރާއްޖެއިން ބޭރަށް ފުރިކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ. މިގޮތުން މި މައްސަލައިގައި ހިމެނޭ ފަރާތެއް ކަމަށްވާ ކ.މާލެ، ގ.ނޯތުބްރީޒް އައިޝަތު ލަޔާލީ އިޤްބާލުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް އޭނާ ރާއްޖެ ދޫކޮށް މެލޭޝިއާއަށް ދިޔަކަމަށް ބުނެ މީސް މީޑިއާގައި ދިޔައީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެހެނަސް ފުލުހުން ވަނީ މިކަންވެސް ދޮގުކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްގެ ހައްޔަރުކޮށް ބަންދު މުއްދަތަށް 5 ދުވަސްވެސް ވަނީ ޖަހާފައެވެ. އަންހެން މީހާ ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން މިހާރު ތުހުމަތު ކުރެއެވެ
މި މައްސަލައިގައި ހިމެނޭ އެންމެންގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވާއިރު އޭގެތެރޭގައި ތިން އަންހެނުުންނާއި ހަ ފިރިހެނުން ހިމެނެއެވެ. އަދި މިއެންމެންގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖޭން ފުރުން ވަނީ މަނާކޮށްފައެވެެ.

































