ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭގޮތުން އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި ރައީސް އޮފީހުން ކުރިއަށް ގެންދާ ”އަހާ“ ފޯރަމްގެ 5 ވަނަ ޕްރޮގްރާމް ފަސްކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރެއަށް ތާވަލުކޮށްފައިވާ ”އަހާ“ ފޯރަމްގެ 5ވަނަ އެޕިސޯޑް ކެންސަލް ކުރުމަށްފަހު ދެން މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ހޮނިހިރުދުވަހުގެ ރެއަށް ތާވަލް ކުރެވިފައިވާ އަހާ ފޯރަމްގެ 5 ވަނަ އެޕިސޯޑް ކެންސަލް ކުރެވުނު ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސް އޮފީހުންމަޢުލޫމާތު ދެއްވާގޮތުގައި، މިފަހަރުގެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވާނީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙުސާނާއި، އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާއި، ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްގެ އިތުރުން އެޓާނީ ޖެނަރަލް އަހްމަދު އުޝާމު ކަމަށެވެ.
މި ފޯރަަމުތަކުގައި އާއްމުން ބޭނުން ސުވާލެއް ކުރުމަށް ފޯނުން ގުޅައިގެންނާއި، އެސްއެމްސްގެ ޒަރީއާއިން އަދި މީސްމީޑިޔާ މަންސަަތައް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައެވެ. އަދި ފޯރަމަށް ހާޒިރުވެ ސުވާލުކުރުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބިގެންވެއެވެ.
މިސިލްސިލާގެ 2 ވަނަ ޕްރޮގްރާމްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

































