ފަހި ޞިއްޙަތު ހެލްތު ފެއާރ“ ނަމުގައި ޚައްޞަ ފެއަރ އެއް މިއަދު ހުޅުވައިފި އެވެ. މިފެއަރ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދުއެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅުވައިގެން ބާއްވާ ”ފަހި ޞިއްޙަތު ހެލްތު ފެއާރ“ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު، މާލޭ އަރޓިފިޝަލް ބީޗުގައެވެ.
”ފަހި ޞިއްޙަތު ހެލްތު ފެއާރ“ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އަދި އ.ދ ގެ ކުޑަކުދިންގެ ޖަމުޢިއްޔާ (ޔުނިސެފް) ގުޅިގެން 1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެއާރއެކެވެ.
”ފަހި ޞިއްޙަތު ހެލްތު ފެއާރ“ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ދެއްކެވި ވާހަކަފުޅުގައި، މި ފެއާރއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ”ދުޅަހެޔޮ ހަށިހެޔޮ“ މުޖުތަމަޢެއް ބިނާކުރުމުގެ ވަޢުދުފުޅާ އެއްގޮތަށް، މުޅި ޤައުމަށް އަމާޒުކުރައްވައިގެން އެމް.އެން.ޔޫއިން ފައްޓަވާފައިވާ ކެމްޕޭނެއްކަން ފާހަގަކުރެއްވިއެވެ. މި ކެމްޕޭން ދައްކުވައިދެނީ، ތަޢުލީމާއި ބައިވެރިވުން އަދި ބާރުވެރިކުރުމުގެ ޒަރިއްޔާއިން، ނުރައްކާތެރި ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ކުރިމަތިލައި، ޞިއްޙަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށް، އެންމެން ގުޅިގެން ކުރާ މަސައްކަތްތަކެއް ކަމުގައި ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ ފަރާތުން ޑޮކްޓަރ ޕަޑްމަލް ޑި ސިލްވާ އަދި ޔުނިސެފްގެ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް، މިސްޓަރ އީސީ ފައިންގޯލްޑް ވާހަކަފުޅުދެއްކެވިއެވެ. ދެބޭފުޅުންވެސް ވަނީ ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ އަދި ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވައި، ތަޢުރީފު ކުރައްވާފައެވެ. އަދި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މި އަހަރުގެ ޝިޢާރުގެ މައްޗަށްވެސް އެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
”ފަހި ޞިއްޙަތު ހެލްތު ފެއާރ“ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ފެއާރގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ފެއާރގައި ބައިވެރިވެފައި ވަނީ ، ޑަބްލިއު.އެޗް.އޯއާއި ޔުނިސެފްގެ އިތުރުން، އެމް.އެން.ޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ހުރިހާ ޑިޕާރޓްމަންޓްތަކާއި، ސްކޫލް އޮފް މެޑިސިންއާއި، ސްކޫލް އޮފް ނަރސިންގ އާއި ދަމަނަވެއްޓާއި ކެއަރ ސޮސައިޓީ އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ހުޅުމާލެ ހޮސްޕިޓަލާއި ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަނާ އަދި ސުވިމް މޯލްޑިވްސް ގެ ފަރާތުންނެވެ.


































