އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާއިން އިންތިޒާމުކޮށްގެން ޓިކްޓޮކްގެ އިސްވެރިން ރާއްޖެއަށް ކުރި ޒިޔާރަތުގެ ތެރެއިން، ހޯމަދުވަހު ބްރޯޑްކޮމް މޯލްޑިވްސްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުންތަކަކީ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ ، އޭޕްރީލް 15 ވަނަ ދުވަހު ރައީސް އޮފީހުގައި ޓިކްޓޮކްގެ އެ ވަފްދާގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރާއްޖެއާއެކު މަސައްކަތް ކުރެވޭނެ އެކި ދާއިރާތަކާ މެދު މަޝްވަރާކުރެވުނެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ރައީސް ވަނީ އެމަނިކުފާނުގެ އެ އަމާޒަށް ވާސިލްވުމަށް ރާވާފައިވާ ކަންތައްތައް ވެސް ހިއްސާކޮށްފައެވެ. ޓިކްޓޮކްގެ ވަފްދުން ވިދާޅުވީ، އެ އަމާޒަށް ވާސިލުމަށް އެ ކުންފުންނިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަަމަށެވެ.
އޭގެ އިތުރުން ވެސް ދެ ފަރާތުން ވަނީ މުސްތަގްބަލާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.
ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރެމުންދާ ކަމަށް އިޤްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ޓިކްޓޮކްގެ އެ ވަފްދު ވަނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއިވެސް ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވާފަކަން ފާހަގަކޮށްލެވެއެވެ. .އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުޙިއްމު ވައުދެކެވެ.

































